ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށް ބުނެ ކުޅުދުއްފުށި ސިޓީގެ ހުޅަނގު އުތުރު ދާއިރާއަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ފާރޫގް މުހައްމަދު ނަން އަނބުރާ ނަގައިފިއެވެ.
ފާރޫގް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށާއި ޕީޕީއެމް މިހާރުގެ ހިންގުމުގެ ދޯހޮޅިކަން ގަބޫލު ކުރެވޭކަމަށެވެ. އަދި ކުޅުދުއްފުށީގެ ތަރައްގީއަށް އެންމެ ބާރުދުވެލި ލިބޭނީ އެމްޑީޕީ ގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުގެ ތެރެއިން ކަމަށް ގަބޫލު ކުރެވޭކަމަށްވެސް ފާރޫގް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ވާދަކޮށްފައިވާ ކެންޑިޑޭޓުން، ތަފާތު އެކި ސަބަބުތަކާއިހުރެ އެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަވަމުން ދާއިރު އިލެކްޝަނުން ބުނީ ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަސް ކަމުގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23ގައެވެ. އެގޮތުން ބަލާއިރު، މިހާތަނަށް 100ށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އީސީން ވަނީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ތާރީޚުގެ ގޮތުގައި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކަމުގައި ހަމަޖައްސާފައެވެ.