އާއްމު ސިއްޙަތާ ބެހޭއަސާސަކީ ސާފުތާހިރުކަން ކަމަށާއި، ގައުމުތައް ތަރައްޤީވެ ކުރިއަރައި ދިއުމަށް ސާފުތާހިރުކަމަކީ އެތަނެއްގައި ދިރިއުޅޭ އެންމެން ވެސް ސަމާލުވާން ޖެހޭކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ފުރިހަމަ ސިއްޙަތަކަށްޓަކައި ސަބަބުތަކުގައި ހިފުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސިއްޙަތާއި ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށި ކަމަށާއި، ގައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށެވެ. އަދި ގައިބާރާއި އަޒުމް ވަރުގަދަވުމާއި ކިޔަމަންތެރިކަމާއި ވަފާތެރިކަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން އަދި ބަލިމަޑުކަމާއި ރަޙުމުކުޑަ ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއިން ނުލިބޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް މާތް ﷲ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމް ކުރައްވައިފައެވެ. އަދި ދިރިއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް އަންގަވާފައިވާއިރު، ފާހިޝް އަމަލުތަކަށް އަރައިނުގަތުމަށް އަމުރު ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ އާއްމު ސިއްޙަތާބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށާއި، ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ސިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގިކަމުގެ ފީތާ ކަމަށްވާއިރު، އިސްލާމްދީނުގައި އާއްމު ސިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އަދި އާއްމު ސިއްޙަތާބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާނައީ: " ޠާހިރުވެގަތުމަށްލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ޠާހިރުވެގަންނަ މީހުންދެކެލޯބިވެވޮޑިގެންވެއެވެ. ސާފުތާހިރުކަމަކީ އީމާންކަމާ ގުޅިލާމެހިފައިވާ ކަމެކެވެ. އިސްލާމްދީނުގައި ޝަރްޢުކުރައްވާފައިވާ ވާޖިބު ހިނެއުންތަކާއި ސުންނަތްހިނެއުންތަކުގެ އަމާޒަކީ ވެސް ހަމަ ސާފުތާހިރުކަމެވެ. އަދި އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދު ޤާއިމުވެފައިވަނީ ސާފުތާހިރުކަމުގެ މަތީގައެވެ.ހުކުރު ޚުތުބާ
އަތްނުދޮވެ ކައިހެދުމަކީ ބަލިތައް ހަށިގަނޑުގެ ތެރެއަށް ވަރަށް ފަސޭހައިން ވަންނަން ދިމާވާ ސަބަބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އަތްދޮންނަން އަންގާފައިވާ ކަމަށާއި، އިސްލާމްދީނުގެ އަމުރުފުޅުތަކަށް ތަބާވާނަމަ ވަރަށް ގިނަ ބަލިތަކަކުން ސަލާމަތްވާނެ ކަމަށެވެ.
ޚުތުބާގައި ބުނީ އިސްލާމްދީން ފަރުދުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ފަދައިން ޖަމާޢަތުގެ ހައްޤުތައް ވެސް ރައްކާތެރިކޮށްދޭ ކަމަށެވެ. އެހައްޤުތަކަށް އިޙްތިރާމްކުރުމަށް ދީން ގޮވާލައި ކަމަށާއި، ނުހިނގާ ފެންގަނޑުގަނޑު ފަދަ ތަންތަނަށް ޤަޟާޙާޖަތް ނުކުރުމަށާއި އެފަދަ ތަންތަނަށް ނަޖިސް ފަދަ ހަޑިމުޑުދާރު އެއްޗެހި އުކައިނުލުމަށް އިސްލާމްދީން އަމުރުކުރާ ކަމަށެވެ.
ޚުތުބާގައި ބުނީ ސާފު ތާހިރުކަމަކީ އިޖްތިމާޢީ އެހެން އަގުތައް ފަދަސުލޫކެއް ކަމަށާއި، ފައިސާއާއި ތަނަވަސްކަމެއް ނެތޭ ބުނުމަށްފަހު ސާފުތާހިރުކަމާ ދުރަށް ދެވޭކަށް ނެތް ކަމަށެވެ. އަދި ކޮންމެ މީހަކު އެމީހެއްގެ މަސްޢޫލިއްޔަތު މި ކަމުގައި އަދާކޮށްފިނަމަ ރާއްޖެ ރީތި، ސާފުތާހިރު ރާއްޖެއަށް ވެގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.