ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ މެއި/ޖޫންއަށް ފަސްކޮށްފައިވާ އޯލެވެލް އިމްތިހާނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ރާއްޖޭގެ ދަރިވަރުން ހަދަނީ ކޭމްބްރިޖް އޯލެވެލް ކަމަށާއި، ކޭމްބްރިޖްގެ އިމްތިހާނަށް އެއްވެސް ބަދަލެއް އައިސްފައިވާކަން މިހާތަނަށް އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ރާއްޖޭގައި ކުރިޔަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މެއި/ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ބައިވެރިވާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނު ފަސްކުރިކަމުގައިވީ ނަމަވެސް މެދުނުކެނޑި ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ޚާއްޞަ ގޮތެއްގައި އޯލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ސްކޫލުތަކުގައި އިތުރު ގަޑިތައް ކުރިއަށް ގެންދިއުމުގެ އިތުރުން އޮންލައިންކޮށް ވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އޯލެވެލް އިމްތިހާނަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ހާމަކޮށްފައިވާއިރު، މިއަހަރުގެ މޭ/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭލެވެލް އިމްތިހާނު ނުބާއްވަން ވަނީ ނިންމާފައެވެ. އަދި ނިންމުން ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއަރސަންއިންނެވެ.
އެކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖެއިން މި އިމްތިހާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށް ގެންދެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް މިހާރު އެޑެކްސެލްއާއެކު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްވަރާގައި ދަރިވަރުންނާއި ސްކޫލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.