މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި އަނެއްކާ ވެސް ނުރައްކާތެރި ހާދިސާއެއް ހިނގައި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ނުރައްކާތެރި ހާދިސާއެއް ހިނގިކަން އެމް.ޕީ.އެލް އިން ވަނީ ޔަގީންކޮށްދީފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:15 ހާއިރު މަޖޫރީއެއްގެ ގައިމައްޗަށް ކާރޕެޓް ރޯލެއް ވަނީ ވެއްޓިފައެވެ. މަޖޫރީ މުވައްޒަފުގެ ހާލު ވަރަށް ކްރިޓިކަލްކަމަށް މަޢުލޫމާތު ލިބެއެވެ.
އެޒުވާނާގެ ހާލަތާބެހޭ ގޮތުން ރާއްޖެއެމްވީއަށް އައި.ޖީ.އެމް.އެޗް.ގެ މީޑިއާ އޮފިޝަލް ވިދާޅުވީ 28 އަހަރުގެ ޒުވާން ފިރިހެނެއް އައި.ޖީ.އެމް.އެޗް.ގެ މެއިން ތިއޭޓަރަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތުގައި ވެއްދި ކަމަށާއި، އަދިވެސް އޮތީ ތިއޭޓަރުގައި ކަމަށެވެ.
އިތުރު މަޢުލޫމާތު ޙިއްޞާކުރެވޭނީ ތިއޭޓަރުން ނެރުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން އެމް.ޕީ.އެލް.އިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މުދާތައް ނެރުމުގެ މަސައްކަތް ކުރީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގެ ފަރާތުން ކަމަށެވެ. މި ހާދިސާ ހިނގީ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށް ކެރޭނުން ލޮރީއަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން ކަމަށް އެމް.ޕީ.އެލް.އިން ބުނެއެވެ. މި ގޮތަށް މުދާ އުފުލައި ހަދާއިރު އޭގެ ދަށުގައި ތިބުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ.
މުދާ ބަރުކުރުމާއި ނެރުމުގައި އަމަލު ކުރަންވީ އުސޫލާއި ގަވާއިދުތަކެއް އެމް.ޕީ.އެލް.އިން ވަނީ ކަނޑައަޅާފައެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެގޮތަށް އަމަލުކުރުމަށް މުދާނެރުމުގެ މަސައްކަތް ކުރާ މަޖޫރީ ގުރޫޕްތަކަށާއި ކުންފުނިތަކަށް ވަނީ އަންގާފައިވެއެވެ.
މި ހާދިސާގައި 28 އަހަރުގެ ޒުވާނެއްގެ ހާލަތު ސީރިއަސް ވެފައިވާއިރު ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެމް.ޕީ.އެލް. ސަރަހައްދުން ބިއްލޫރި ޕެލެޓެއް ވެއްޓިގެން ވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ޕެލެޓް ވެއްޓި ތާށިވެގެން އަނިޔާ ލިބުނު ނ. ލަންދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމް ފަރުވާ ހޯދަމުން ދަނިކޮށް ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ.
މީގެ ކުރިން ވެސް އެމް.ޕީ.އެލް. ސަރަހައްދުގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.