ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުތެރޭގައި ކޮމިޔުނިޓީ ހެލްތު ވޯރކަރުންގެ ދައުރު އިތުރަށް ފުޅާކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ސިއްޙީ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު އެންމެ މުހިންމު މަޝްރޫޢަކީ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ރާއްޖޭގައި ތިބެގެން ހޯދޭނެ ގޮތް ހަމަޖައްސައިދިނުންކަމަށެވެ. ލާމަރުކަޒީ ނިޒާމުން، ރައްޔިތުންނާ ވީހާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް، ރާއްޖޭގެ 5 ސަރަޙައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތް މިއަހަރުގެ ތެރޭގައިވެސް، ނުހުއްޓި ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިދެންނެވި 5 ސަރަޙައްދުގައި ޓާޝަރީ ޚިދުމަތްތައް ތަރައްޤީވަމުން އަންނަ ވަރަކަށް ، ޞިއްޙީ ޚިދުމަތް ހޯދަން، މާލެ އަންނަ މީހުންގެ ޢަދަދު އަންނަނީ މަދުވަމުން.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތް ދެވޭ ފަސް ހޮސްޕިޓަލު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ވައުދު ފުޅެކެވެ.
މިސަރުކާރުން ޓާޝިއަރީ ފެންވަރުގެ 5 ހޮސްޕިޓަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ބ. އޭދަފުށި ރީޖަނަލް ހޮސްޕިޓަލް އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ، މުޅިން އަލަށް ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލެކެވެ. ދެން ހުރި ރީޖަނަލް ހޮސްޕިޓަލްތަކަކީ ކުރިން ވެސް ޚިދުމަތް ދެމުންދިޔަ ހޮސްޕިޓަލުތައް ކަމަށްވާތީ، އެ ހޮސްޕިޓަލުތަކުން ޓާޝިއަރީ ފެންވަރުގެ ސިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، އިމާރާތް އަދި މަރާމާތު ކުރުމުގެ މަަސައްކަތް ދަނީ ކުރިއަށެވެ.
ރިޔާސީ ބަޔާން ދެއްވަވަމުން ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ސިޔާސަތަކީ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް ރަށްރަށުގައި ހަރުދަނާ ކުރުން ކަމަށެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ވަރަށް ކާމިޔާބުކަމާއެކު ދެމުން އައި ޚިދުމަތެއްކަމަށާއި އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތުމަށް ފަހު، މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް އަލުން ހަރުދަނާކުރުމަށް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި މި މަސައްކަތް އިތުރަށް ތަރައްޤީކޮށް، ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ދައުރު އިތުރަށް ފުޅާކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ ކޮމިއުނިޓީ ހެލްތް ވޯކަރުންގެ ވިއުގައެއް ޤާއިމްކޮށް، އެ ޚިދުމަތްތައް ފުރިހަމައަށް ހިންގަން 2020 ވަނަ އަހަރު ތެރޭގައި ފަށާނެ ކަމަށެވެ.
މީގެއިތުރުން ކޮވިޑްގެ ހާލަތާ ގުޅިގެން މިބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފެއްޓެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި، މިބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި ، 362 ޞިއްޙީ ޚިދުމަތްތެރިން ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޮވިޑް ޓެސްޓް ހެދުމުގެ ޤާބިލްކަން ރާއްޖޭގައި މިހާރު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.