ކ. މާލެ
|
4 ފެބްރުއަރީ 2021 | ބުރާސްފަތި 09:52
ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރާއްޖެ އެމްވީ
މަތީ ތަޢުލީމަށް ދޫކުރާ ލޯންތައް
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ ސްކީމްގެ ދަށުން މިހާތަނަށް 9،430 ކުދިންނަށް ފުރުޞަތުދީފި
 
މަތީ ތަޢުލީމު ލޯނުގެ އަދަދު 770 އަށް ވަނީ އިތުރުކޮށްފައި
 
ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9،430 ކުދިންނަށް މަތީތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީފައިވޭ
 
ގައުމުގެ ތަރައްޤީއަށް ބޭނުންވަނީ ތަޢުލީމީ ޒުވާން ޖީލެއް

މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ކުދިންނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 9،430 ދަރިވަރުންނަށް ފުރުސަޞަތު ފަހިކޮށްދީފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ގައުމު ތަރައްޤީކުރުމުގައި ގެންގުޅޭ ވިސްނުމަކީ ތަރައްޤީގެ ވިސްނުން ހުރި ޒުވާން ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ކުރީ ކޮޅު ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއި މަތީ ތަޢުލީމަށް އެކި ލޯންތަކަށް ހުޅުވާލުމަކީ ވެސް އެ މަޤުޞަދުގައި ކުރެއްވި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަނޑިވަޅުގައި ވެސް ދަރިވަރުންނަށް ދޫކުރި ލޯންތަކުގެ ފުރުޞަތު މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ ވެސް ހަމަ އެ ސަބަބައްޓަކާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ގެ ތެރޭގައިވެސް، މަތީ ތަޢުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުޞަތު ހުޅުވައިލިން. މިހާރު އަޅުގަނޑުމެން ވާނީ އެ ޢަދަދު 770 އަށް އިތުރުކޮށްފައި. އަދި މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިޢުލާން ކުރެވޭނެ. މި އިތުރުކުރި ލޯނުގެ ފުރުޞަތުތަކަކީ، އިޤްތިޞާދު އާރާސްތުކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވައިލާ ފުރުޞަތުތަކެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މަތީ ތަޢުލީމަށް ދޫކުރާ ލޯންތަކުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚާއްޞަ ކެޓަގަރީއެއް މިހާރު ހިމަނާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ޒުވާނުން ބިނާކުރުމާއި، ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމެވުމެއް ކަމަށެވެ.

މީގެ އިތުރަށް ކޮވިޑް-19ގެ ހާލަތުގައި ވެސް ތަޢުލީމަށް އިސްކަންދީފައިވާ ވަރު ފާހަގަކުރައްވައި ރައީސް ވިދާޅުވީ މުޅި މާލެ ލޮންޑައުން ހާލަތުގައި އޮތް އިރު ވެސް ސްކޫލްތަކާއި ކޮލެޖުތަކުގެ ކިޔެވުން ހުއްޓާނުލައި އޮންލައިންކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ކުރިއަށް ގެންދަން ނިންމީ ތަޢުލީމަށް ދޭ އިސްކަން ބޮޑުވީމަ ކަމަށެވެ. އަދި އެކަމަށް ސްކޫލް މުދަރިއްސުންނާއި ޚާއްޞަކޮށް ބެލެނެވެރިންގެ ކިބައިން ލިބުނު އެއްބާރުލުމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
4 ފެބްރުއަރީ 2021 | ބުރާސްފަތި 15:32
ނާސިން ޔޫނިއަން
މިހާރުވެސް މިޖެނުއަރީގަ ޔުނިވާރސިޓީން ނާސިންގް ނިންމި ހުރިހާ ކުދިން އެތިބީ ގްރެޖުއޭޓް ނުވެ، އެކުދީންގެ ޓެސްޓްގެ ނަތީއްޖާނުލިބި، މިދުވަސްވަރަކީ ގައުމަށް ސިއްހީހިދުމަތްތެރިން އިންތިހާއަށް ބޭނުންވާ ދުވަސްވަރެއް، ޔުނިވާރސިޓީން އެތިބީ ނަތީއްޖާނުދީ ވާނުވާގަ، އަދި މިހާރު ހޮސްޕިޓަލް ތަން ތަނުން ނަރުހުން ހޯދަން އިއުލާން ކޮށްގެން އުޅޭ އެވަޒީފާގެ އުއްމީދުގަ ކިޔެވި އެތަށް ކުދީންނެއް އެތިބީ އުމްމީދު ގެއްލިފަ ދެންވާނެ ގޮތެއްވެސް ނޭގިފަ، މިވާހަކަ ދައްކާފިއްޔާ ފެއިލްކޮށްލާނެ ކަމުގެ ބިރުހީވެފަ، ބެލެނިވެރިން މިތިބީ ވާނުވާ ނޭގިފަ، ކޮލެޖް ހިންގަން ތިބި ފަރާތްތަކުންވެސް ތަން ކޮޅެއް ބޮޑަށް ޒިންމާދާރުވެ ކުދިންނަށް ލިބެންޖެހޭ ހައްގުތަށް ޝަކުވާ ނުކުރިކަމުގައި ވިއަށް ލިބޭތޯ މިއަށްވުރެ ބޮޑަށް ބަލަންއެބަޖެހޭ،