ކޮވިޑު-19 ޖެހިގެން ރާއްޖޭގައި އިތުރު ދިވެއްސަކު ނިޔާވެ، މިބަލީގައި ނިޔާވި މީހުންގެ އަދަދު 53އަށް އަރައިފިއެވެ.
މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ފަރުވާދެމުންދިޔަ ދިވެއްސެކެވެ. މިއަދު ނިޔާވެފައިވަނީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާއިރު، އެންމެ ފަހުން މި ބަލީގައި ރާއްޖޭގައި މީހަކު ނިޔާވެފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑްޖެހިގެން ނިޔާވި 53 މީހުންގެ ތެރޭގައި ހިމެނެނީ، 46 ދިވެހިންނާއި ހަތް ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން މި ބަލީގައި ނިޔާވެފައިވަނީ، ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތަކުގެ އަދަދު މިދިޔަ ޑިސެމްބަރު މަހު ދަށަށް ދިޔައިރު، އެކަމުގައި ރައްޔިތުންނަށް ވެސް ވަނީ ގިނަ ލުއިތަކެއް ލިބިދީފައެވެ. ނަމަވެސް މިއަހަރު ޖެނުއަރީ މަހު ކޮންމެ ދުވަހަކުވެސް ކޭސްތަކުގެ އަދަދު އިތުރުވެ، މިހާރު ކޭސް ރިކޯޑްކުރާ އަދަދު ދުއިސައްތައިން މައްޗަށް ވަނީ އަރާފައެވެ.