ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 18:44
މިނިސްޓަރ މާރިޔާގެ ދަތުރުފުޅުގެ ތެރެއިން
މިނިސްޓަރ މާރިޔާގެ ދަތުރުފުޅުގެ ތެރެއިން
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރ ދަތުރުފުޅު
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއްކޮށްފި
 
ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި
 
ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތްއާއި ވަނީ ބައްދަލުކުރައްވާފައި

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ބައިނަލްއަޤްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިނިސްޓަރ މާރިޔާވަނީ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތްއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ހުރި ނުރައްކާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ނުރައްކާތައް ނައްތާލުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އިންޑިއާގެ ބެންގަލޫރުގައި މިމަހުގެ 3 އިން 7 އަށް ކުރިއަށްދާ "އޭރޯ އިންޑިޔާ 2021 ޑިފެންސް އެއަރޝޯވ އެންޑް ޑިފެންްސް އެގްޒިބިޝަން"ގައި ބައިވެރިވެވަޑައިގެންފައެވެ. މި މަހުގެ 4 ވަނަ ދުވަހު ބާއްވާ "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް"ގައިވެސް ޑިފެންސް މިނިސްޓަރ ބައިވެރިވެވަޑައިގެނެވުމަށް ވަނީ ހަމަޖެހިފައެވެ.

ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅަކީ، އިންޑިޔާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މިދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވައިފައިވަނީ އިންޑިޔާ ސަރުކާރުންނެވެ.

މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ލެފްޓިނެންޓް ކާނަލް ޙަސަން ޢާމިރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް