ފަތުރުވެރިކަމުގެ ދާއިރާ ފްރަންޓްލައިން ސްޓާފުންނަށް މާދަމާ ވެކްސިން ޖަހަން ފަށަން ހަމަޖެހިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.
ޓުއަރިޒަމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ 4 ފެބްރުއަރީން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިން ސްޓާފުންނަށް ވެކްސިން ޖަހަން ފަށަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހަމަޖެހިފައިވާ އިންތިޒާމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާ ފްރަންޓްލައިން މަސައްކަތްކުރި 10،000 (ދިހަ ހާސް) ސްޓާފުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މި އިންތިޒާމު ހަމަޖައްސާދެއްވުމުން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ކޮވިޑްގެ މިޙާލަތުގައިވެސް ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ދެމިއޮވެވޭނެކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިން މަސައްކަތްކުރި 10،000 (ދިހަ ހާސް) ސްޓާފުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ފުރުސަތުގެ ދަށުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ގްރޭޓާ މާލެ ސަރަހައްދުގެ ޓުއަރިސްޓް ފެސިލިޓީތަކުން ފްރަންޓްލައިންގައި މަސައްކަތްކުރި މުއައްޒަފުންނަށްކަމަށް މިިނިސްޓްރީން މަޢުލޫމާތުދެއެވެ.
4 ފެބްރުއަރީން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިން ސްޓާފުންނަށް ވެކްސިން ޖަހަން ފަށަން ނިންމާފައިވާއިރު، މިމަހުގެ 3ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް-19އަށް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވާދެއްވާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަޙްމާނެވެ. އަދި ދެވަނައަށް އައި.ޖީ.އެމް.އެޗް.ގެ ނަރުހަކަށް ވެކްސިން ދީފައިވާއިރު، ތިން ވަނައަށް ވެކްސިންޖަހާފައި ވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހަތަރު ވަނައަށް ވެކްސިން ޖެއްސެވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުުރުން އުއްތަމަ ފަނޑިޔާރު، މުޢުތަސިމް އަދްނާން ވަނީ ކޮވިޑް-19 ގެ ވެކްސިން ޖައްސަވާފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމްއާއި ޑިފެންސް މިނިސްޓަރ މާރިއާ އަހްމަދުދީދީގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
އެޗްއީއޯސީގެ އިސްފަރާތްތަކުންވެސް ވަނީ ހޯމަ ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ. މާލެ ސިޓީއާއެކު އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައިވެސް ވެކްސިންޖެހުމުގެ ޕްރޮގްރާމް މިމަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ.