ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 16:03
މާލޭގެ މަގުމަތީގައި މީހުންގެ ސާމްޕަލް ނަގަނީ
މާލޭގެ މަގުމަތީގައި މީހުންގެ ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރ
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 11 ވަނަ ފަހަރަށް އިތުރުކޮށްފި
 
ރާއްޖެއަކީ މިހާރު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީއަށް ފެތޭ ގައުމެއްކަމަށް ޑރ ޝީނާ ވިދާޅުވި
 
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 16،155ށް އަރާފައި
 
ފުރަތަމަ ފަހަރަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ މިދިޔަ އަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 11 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރު ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުންކަމަށެވެ. އެހެން ކަމުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މަރޗް މަހުގެ 5 ވަނަ ދުވަހާ ހަަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު 11 ވަނަ ފަހަރަށް އިތުރުކުރީ ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާ ގުޅިން 2020 ވަނަ އަހަރުގެ މަރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައިމޫނާ އަބޫބަކުރަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 11 ވަނަ ފަހަރަށް އިތުރުކުރި އިރު ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަނީ ގޯސްވެފައެވެ. އެގޮތުން ކޮވިޑްގެ އައު ވޭރިއަންޓް ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

ރާއްޖޭގެ މިވަގުތުގެ ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން އެޗް.އީ.އޯ.ސީ.ން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޝީނާ މޫސާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާ ނަމަ ރާއްޖެއަކީ މިހާރު އެންމެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީއަށް ފެެތޭ އެއް ގައުމު ކަމަށެވެ. ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ތެރެއިން އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް އެޗް.އީ.އޯ.ސީ.ގެ ދިރާސާއާއަކާ ޙަވާލާދެއްވައި ޑރ. ޝީނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 30 ޕަސެންޓަކީ ޔޫކޭ ވޭރިއަންޓެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 16،155ށް އަރާފައިވާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1833 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން 186 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި 11ން ފެށިގެން 4:30ށް ކާފިއު ހިންގުމަށް ހަމަޖެހިފައިވާއިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10:30އާ ހަމައަށް ކަމަށް ވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް