ކ. މާލެ
|
3 ފެބްރުއަރީ 2021 | ބުދަ 13:13
ފާރިސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)
ފާރިސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް މައުމޫން ހައްޔަރުކުރުމަށް މީގެ 3 އަހަރުކުރިން ނެރުނު އަމުރެއް ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފި
 
އެ ހުރިހާ އަމުރުތަކެއް ފާރިސްގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅާފައި
 
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފާރިސް މައުމޫން ހައްޔަރުކުރުމަށާއި ބަންދުގައި ބެހެއްޓުމަށް ގިނަ އަމުރުތަކެއް ކްރިމިނަލް ކޯޓުން ނެރެފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެ ތެރެއިން އަމުރެއް ރަނގަޅު ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އެ އަމުރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނިމުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ފާރިސް މައުމޫން، މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނެ، ކުރެވުނު ތުހުމަތުތަކާ ގުޅިގެން 17 ޖުލައި 2017ގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ.

އެ އަމުރުގައި ބުނެފައިވަނީ، ފާރިސް މައުމޫން، މުޖުތަމަޢުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި، އެ މައްސަލައާ ގުޅުންހުރި ހެކި ފޮރުވައި، ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމުގެ ފުރުސަތު ތަނަސްވެގެންދާނެކަމެއްކަމަށް ފެންނާތީ، ފާރިސް މައުމޫން ހައްޔަރު ކުރުމަށެވެ.

ކްރިމިނަލް ކޯޓުގެ މި އަމުރުގެ އިތުރުން އޭގެ ދެ ދުވަސްފަހުން، ޖުލައި 19 ވަނަ ދުވަހު ވެސް ފާރިސް މައުމޫން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވެއެވެ. ނަމަވެސް އެ އަމުރު ހައިކޯޓުން މިދިއަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ ބާޠިލްކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިއަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ސިޔާސީ ހަމަނުޖެހުންތައް އިންތިހާއަށް ފެންމަތިވެގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުން ހައްޔަރުކުރުމުގެ އަމުރުތަކެއް އޭރު ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.

އޭގެ ތެރޭގައި ފާރިސް މައުމޫން ހައްޔަރު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުތަކެއް ނެރެފައިވެއެވެ. އޭރު ފާރިސް މައުމޫނަކީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރުކުރުމުގެ އަމުރުތަކާއި ބަންދުގައި ބަހައްޓަން ނެރުނު އަމުރުތައް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ނިމިފައިވެއެވެ. އެގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައި ވަނިކޮށް، ފާރިސް މައުމޫން، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން މިދިއަ އަހަރުގެ ޖޫން މަހު ވަނީ ހުކުމް ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ އެ ދަޢުވާއެއް ވެސް ފާރިސްގެ މައްޗަށް އޭރު ދައުލަތުން އުފުލާފައިވެއެވެ. އެދަޢުވާގައި ބުނެފައި ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސްއަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމަށެވެ. އެ ދަޢުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފައެވެ. އޭނާ ޖަލުގައި ބަހައްޓަން އަމުރުކުރީ 2018 ވަނަ އަހަރުގެ މާރޗު މަހުއެވެ. އަދި 2018ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސާފުވުމާ ހަމައަށް ފާރިސް ހުންނެވީ ޖަލުގައެވެ.

ފާރިސްގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިލެއްވި ނާކާމިޔާބާއެކު، އޭރު ޖަލުގައި ތިއްބެވި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އިސް ފަރާތްތައް ވަނީ ޝަރުޢީ ކޯޓުތަކުގެ އެކި މަރުހަލާތަކުން ދޫކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭރު ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުތަކާއި ސިޔާސީ ލީޑަރުންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ބާޠިލްކުރުމުން އެ ހުރިހާ ފަރާތްތަކެއް ވަނީ މިނިވަންވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
14%
57%
29%
0%
0%
0%
ކޮމެންޓް