ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އަދި އޭގެ ފަހުން މި ހާފުގައި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ވަނީ ލީޑު ފުޅާކުރަން ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މާޒިޔާއަށް ލީޑު ފުޅާކޮށްދިންއިރު، މި ހާފުގައި މާޒިޔާއިން ޖެހި ތިންވަނަ ލަނޑު އޭގެ ހަތް މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހަމްޕުއެވެ. މި ލަނޑަކީ ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، 54 ވަނަ މިނެޓުގައި ކޯނޭއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހުސެއިން ނިހާނެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ފޭދޫ އިއްބެ ދިން ޕާހަކުން ކޯނޭ ވަނީ ދަ ގްރާންޑޭގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗަށްފަހު މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް، މިއީ އަދި ވަކި ގޮތެއް ނިންމަން އަވަސް ވަގުތެއް ކަމަށެވެ. އެކަމަކު މި މެޗުގައި އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އަދިވެސް ކުޅުން އިތުރަށް ރަނގަޅުކުރެވޭނެ ކަމަށްވެސް ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މާޒިޔާއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ކުޅުންތެރިން ތިބި ޓީމު ކަމަށްވެފައި އެ ޓީމުން އަތުން ބަލިވުމަކީ މާޔޫސްވާންޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. އެހެން ނަމަވެސް މެޗު ދިޔަ ގޮތަށް ބަލާއިރު ފަރަގު ބޮޑުވާން ދިޔަ ސަބަބަކީ ވަރަށް ސީރިއަސް ބޮޑެތި ގޯސްތަކެއް ހެދުން ކަމަށް އިންމަ ވަނީ ބުނެފައެވެ.
މި މޮޅާއެކު މާޒިޔާއިން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.