ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 19:44
ރައީސް އޮފީސް
ރައީސް އޮފީސް
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19އާ ގުޅިގެން ސަރުކާރު އިދާރާތަކުން އަމަލުކުރަންޖެހޭ މިންގަނޑު އާންމުކޮށްފި
ކޮވިޑް-19 ފެނިފައިވާ ރަށްރަށުން ގޭގައި މަސައްކަތްކުރުވަން އެންގުން
މެެންދުރު 2ގެ ފަހުން އިދާރާތައް ހުޅުވާފައި ނުބެހެއްޓުމަށް އެންގި
ގިނަ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް އަންގާފައިވޭ

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެމުންދާތީ ސަރުކާރު އިދާރާތަކުން އަމަލުކުރަން ޖެހޭ މިންގަނޑު އާންމުކޮށް އެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ އަދަދުތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވާއިރު އަންގާރަ ދުވަހު އެޗްއީއޯސީން ބުނީ ރާއްޖެއިން ކޮވިޑް-19ގެ އައު ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަނެއްކާވެސް ކާފިއު އިއުލާންކޮށް އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އަށް ޕޮޒިޓިވް މީހުން ތިބި ރަށްރަށުގެ އިދާރާތަކުން މަސައްކަތްކުރަން ޖެހޭނީ ގޭގައި ކަމަށެވެ. އަދި އޮފީސްތަކަށް ނެރޭނީ ގޭގައި ނުކުރެވޭ މަސައްކަތް ކުރުމަށް މިނިސްޓަރ ނުވަތަ އެ އިދާރާއެއްގެ އިސްވެރިޔާ ކަނޑައަޅާގޮތަކަށް ވީއެންމެ މަދު މީހުން ކަމަށެވެ.

މީގެ އިތުރަށް މުވައްޒަފުން މަސައްކަތަށް ނެރުމާއި، އެ އިދާރާއަކުން އާންމުންނަށްދޭ ހިދުމަތްތައް އެކި ދުވަސްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ.

އެ ބަޔާނުގައިވަނީ ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށްވެސް އަންގާފައެވެ. އަދި ނުރަސްމީ ގަޑީގައި ހުޅުވަން ޖެހިއްޖެނަމަ ހަވީރު 4:00ގެ ފަހުން ހުޅުވާފައި ނުބެހެއްޓުމަށްވެސް އަންގާފައިވެއެވެ.

މީގެ އިތުރަށް ކޮވިޑް-19އާ ގުޅިގެން ދޭން ފެށި އޮންލައިން ހިދުމަތްތައް އެގޮތުގައި ދިނުމަށާއި ދެން އިތުރު ހިދުމަތްތައްވެސް އޮންލައިންކޮށް ދެވެން އޮތްތޯ ބަލައި އެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް އަންގާފައިވެއެވެ.

ސަރުކާރުގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށާއި، މި ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.

- ކޮމެންޓް