ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 19:38
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި)
އެފްއޭއެމް
ގްރީން ސްޓްރީޓްސް އާއި ޔޫވީގެ މެޗު
ބަކާ ނެތްތަން ފޫބައްދަން އުނދަގޫވާނެ: ސާންތި
މި މެޗަށް ބަކާ ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައި
ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކެޕްޓަން މުޙައްމަދު އާރިފް (ބަކާ) ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޔޫވީ ނިކުންނައިރު، މި މެޗަށް ބަކާ ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައެވެ. އަދި މީގެ އިތުރުން ޔޫވީއަށް ވަނީ މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ މެޗާ ކުރިމަތިލާއިރު، ބަކާ ސަސްޕެންޑް ވުމަކީ އެ ޓީމަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން ބަކާ ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށާއި، އަދި ބަކާ ނެތްތަން ފޫބެއްދެން ހުރި ކުޅުންތެރިޔާވެސް އެހެން މައްސަލައަކާ ގުޅިގެން މި މެޗުގައި ނުކުޅޭނެ ކަމަށްވެސް ބުންޏެވެ.

ލީގުގައި މިހާތަނަށް ޔޫވީ މެޗަކުން މޮޅުވެފައި ނުވާއިރު، ސާންތި ބުނީ އަދި ލީގުގައި ބާކީ ގިނަ މެޗުތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން ލީގުގައި ވާދަކުރަން ޔޫވީއަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޔޫވީގެ އެންމެ ފުރަތަމަ ޓާގެޓަކީ ރެލިގޭޝަން ޒޯނުން ސަލާމަތްވުން ކަމަށާއި، އަދި މެޗަކުން ޔޫވީ މޮޅުވާ ހިސާބުން މުޅި އެތި ބަދަލުވެގެންދާނެ ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

ލީގުގައި ޔޫވީއާ ދެކޮޅަށް ނުކުންނައިރު، ގްރީން ސްޓްރީޓްސްއިން މި ފަހަކަށް އައިސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫވީ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ޔޫވީން މިހާތަނަށް މޮޅެއް ހޯދާފައި ނުވި ނަމަވެސް، އެ ޓީމުން އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށާއި، އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫވީން މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

ނިސްތާރު ބުނީ ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރި މެޗުގައިވެސް ޔޫވީން ދެއްކި ކުޅުމާއެކު އެ ޓީމުގެ ފެންވަރު ފާހަގަވެގެންދާ ކަމަށާއި، އަދި އެ ޓީމަކީ ލީގުގައި ރީތި ފުޓްބޯޅައެއް ކުޅެމުން އަންނަ ޓީމެއް ކަމަށެވެ. އެހެންކަމުން މި މެޗު ގްރީން ސްޓްރީޓްސްއަށް ފަސޭހަކޮށް ނުނެގޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލީގުގެ ދެވަނަ ބުރުގައި ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ލީގު ތާވަލަށް ބަލާއިރު، ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ޔޫވީ އޮތީ ފުލުގައި ކުޅުނު އަށް މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް