ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 19:17
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)
އެފްއޭއެމް
ސަސް އާއި އީގަލްސްގެ މެޗު
އީގަލްސްއަކީ އަނެއްކާވެސް އައު ޗެލެންޖެއް: ޝާޒްލީ
އީގަލްސްގެ ކޯޗުގެ މަގާމާ ޝާޒްލީ ހަވާލުވީ މިދިޔަ އާދީއްތަ ދުވަހު
ސަސް އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި

ކޯޗިންގ ކެރިއަރުގައި ޗެލެންޖުތައް ނަގަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެގޮތުން ކުލަބު އީގަލްސްއަކީ އައު ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި އީގަލްސްއިން ވަނީ އެ ޓީމުގެ ކޯޗަކަށް ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ޝާޒްލީ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. އީގަލްސްއިން އައު ކޯޗެއް ހަމަޖެއްސީ އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މުޙައްމަދު ޝިޔާޒް (މޯހަން) އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އެއާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) އެވެ.

އީގަލްސްއާ ޝާޒްލީ ހަވާލުވިއިރު، މީގެ ކުރިން އޭނާ އިރުޝާދު ދީފައިވަނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު މިދިޔަ ހަފުތާގެ ބުދަ ދުވަހު ޝާޒްލީ ވަނީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ. މި ސީޒަނާ ޒުވާން ސްކޮޑަކާއެކު ޝާޒްލީ ޓީސީ ގޮވައިގެން ނުކުމެފައިވަނީ ތައްޓެއް ނެގުމުގެ އަމާޒުގައެވެ. އަދި ޝާޒްލީގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ލީގުގައި ބުދަ ދުވަހުގެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ މި ސީޒަނާ ކުރިމަތިލީ ޓީސީއާއެކު ވަރަށް ބޮޑު އުންމީދެއް އޮވެގެން ކަމަށެވެ. އެކަމަކު އެ ފުރުސަތު ގެއްލުމާއެކު، އަނެއްކާވެސް އައު ފުރުސަތެއް ތަނަވަސްވެއްޖެ ކަމަށާއި، އީގަލްސްއާއެކު ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކޯޗިންގ ކެރިއަރުގައި އީގަލްސްއަކީ އައު ޗެލެންޖެއް ކަމަށާއި، އެކަމަކު އެ ޓީމުގައި މިހާރު އޮތް ކޯޗިންގ ޓީމާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ލީގުގައި ބުދަ ދުވަހުގެ ހަވީރު އީގަލްސްއާ ދެކޮޅަށް ސަސް ނުކުންނައިރު، އެ ޓީމުގެ މިހާރުގެ ކޯޗަކީ އީގަލްސްގެ ކުރީގެ ކޯޗު މޯހަންއެވެ. މޯހަން ސަސްއާ ހަވާލުވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އީގަލްސް މެޗުގެ ކުރިން މޯހަން ބުނީ އީގަލްސްއަކީ މިހާރު ރާއްޖޭގައި ޓެކްނިކަލީ އެންމެ ރަނގަޅު ކުޅުންތެރިން ތިބި ޓީމު ކަމަށާއި، ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ފަދަ ނަތީޖާއެއް ނުކުމެފައި ހުރި ނަމަވެސް، އެ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށެވެ. އެހެންކަމުން ސަސްގައި އޮތް ޓީމަށް ބަލާއިރު، އީގަލްސް މެޗު ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށްވެސް މޯހަން ބުންޏެވެ.

އަދި މި ފަހަރުގެ ލީގުގައި ސަސްއަކީ ވަރަށް އާދައިގެ ޓީމެއް ކަމަށާއި، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ސަސް މޮޅުވި ނަމަވެސް، މި މެޗު އެއްވެސް ވަރަކަށް ފަސޭހަނުވާނެ ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.

ލީގުގެ ދެވަނަ ބުރުގައި ސަސް އާއި އީގަލްސް ބައްދަލުކުރާއިރު، ފުރަތަމަ ބުރުގެ މެޗުން ސަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ލީގު ތާވަލުގެ ހަވަނައިގައި ސަސް އޮތްއިރު، އީގަލްސް އޮތީ އެ ޓީމު ފުލުން ހަތްވަނައިގައެވެ. އެކަމަކު ދެ ޓީމަށްވެސް ކުޅުނު އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް