ކ. މާލެ
|
2 ފެބްރުއަރީ 2021 | އަންގާރަ 17:58
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު
އެފްއޭއެމް
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
ތިންވަނަ ޑިވިޝަން ފެށުން އަނެއްކާވެސް ފަސްކޮށްފި
މުބާރާތުގެ ކުޅުން ފަށާނީ މި މަހުގެ 10 ވަނަ ދުވަހު
ތިންވަނަ ޑިވިޝަނުގައި 15 ޓީމެއް ވާދަކުރޭ

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކުރީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން މި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، މިހާރު މުބާރާތް ފެށުމަށް އެފްއޭއެމުން ނިންމާފައިވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި މުބާރާތް ފެށުން ފަސްކުރަން ނިންމީ ބައިވެރިވި ޓީމުތަކުންވެސް އެ ގޮތަށް ބޭނުންވުމުގެ އިތުރުން، މުބާރާތަށް ވާންޖެހޭ އެހެން ތައްޔަރީތަކަށް ވެސް ވަގުތު ބޭނުންވާތީ ކަމަށެވެ.

މި އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން މި މަހު ފަށާއިރު، މި މުބާރާތުގައި ވާދަކުރާނީ 15 ޓީމެވެ. އެންމެ ފުރަތަމަ މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 22 ޓީމަކުން މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅި ނަމަވެސް، ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން ދެ ފަހަރެއްގެ މަތިން އެފްއޭއެމުން މުއްދަތު އިތުރުކޮށްދިނެވެ. އެ މުއްދަތުގައި 16 ޓީމަކުން ލިޔެކިއުންތައް ހުށަހެޅި ނަމަވެސް، އަމިއްލަ ސަބަބުތަކާ ހުރެ އެއް ޓީމުން ވަނީ މުބާރާތާ ވަކިވާން ނިންމާފައެވެ.

އެހެންކަމުން މި މުބާރާތް ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ނިންމާފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތިން ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ފަހު ގްރޫޕުގައި ހިމެނެނީ ތިން ޓީމެވެ. އަދި ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކުއާޓާފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ މާޗު މަހުގެ ނުވަވަނަ ދުވަހުއެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް