ރާއްޖެއިން ކޮވިޑް-19ގެ އައު ވޭރިއަންޓް ފެނިފައިވާކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ އައު ވޭރިއަންޓް އުޅޭކަމަށް ލަފާކުރެވިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ދެނެގަތުމަށް ބޭނުންކުރީ ޔޫކޭއިންވެސް ބޭނުންކުރާ އުކުޅުކަމަށާއި، ވޭރިއަންޓް ހޯދުމަށް ބޭނުންކުރީ ޕްރޮކްސީ އިންޑިކޭޓަރއެއް ކަމަށެވެ. އެގޮތުން އެ ވޭރިއަންޓްގެ ޕްރޮޓީން ސްޓްރަކްޗާ ރާއްޖެއިން ފެނިފައިވާ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފައެވެ. އަދި އޭގެ ތެރޭގައި މާލެއިން ފެނުނު ކޭސްތަކުގެ އަދަދުތައް އާދަޔާ ހިލާފަށް ގިނައެވެ.
ޑރ. ޝީނާ ވިދާޅުވީ ކޭސްތައް އިތުރުވެފައިވާ ވަރަށް ބަލާއިރު ފަތުރުވެރިންނަށްވެސް އަދި ބައިނަލްއަގުވާމީކޮށް ބަލާ މިންގަނޑުތަކުން ވެސް ރާއްޖެއަކީ މިހާރު ހައި ރިސްކު ގައުމެއް ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ކޭސްތައް ކުއްލިއަކަށް އިތުރުވުމަކީވެސް އައު ވޭރިއަންޓް ރާއްޖޭގައި އުޅޭކަމަށް ބެލެވުނު ކަމެއް ކަމަށެވެ. އެގޮތުން ކުރިން ފެނުނު ކޮވިޑް-19ގެ ވޭރިއަންޓްއަކީ ކޮންމެ މީހެއްގެ ގައިން ވެސް އިތުރު ދެމީހަކަށް ޖެހޭނެ ކަމަށް ބެލެވުނު ވޭރިއަންޓެއް ކަމަށެވެ. ނަމަވެސް މި އައު ވޭރިއަންޓް އެކަކު ގައިން ފަސް މީހުންނަށް ޖެހޭނެކަން ދިރާސާތަކުން ދައްކާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް އައު ވޭރިއަންޓްއިން ބަލި ޖެހޭ މީހުންގެ ސިމްޓަމްސް ފެންނަވަރު އިތުރު ކަމަށާއި ބަލީގައި އެޑްމިޓްކުރަން ޖެހޭވަރުވެސް ގިނަވާނެކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ މި އައު ވޭރިއަންޓް ރާއްޖެ އައިކަމަށް ބެލެވެނީ ފަތުރުވެރިން ވެސް ކަރަންޓީންވާން ނުޖެހުމާއި ރާއްޖެއިން ބޭރުންވެސް ކަރަންޓީން ނުވެ މީހުން އައުމަށް ހުއްދަ ދިނުމުން ކަމަށެވެ. އަދި މިހާރުން ފެށިގެން ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްގެން ނޫނީ ކޭސްތައް ކޮންޓްރޯލްކޮށް ރާއްޖޭގެ ހާލަތު ގޯސްވިޔަ ނުދީ ނުހިފެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.