މާފުށީ ޖަލުގައި އަލަށް އިމާރާތްކުރި ގޮޅީގެ މަސައްކަތް ނިންމާ، އިމާރާތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައިވަނީ އަލަށް އިމާރަތް ކުރި 50 ގޮޅިގެ މަސައްކަތް ނިންމާ އިމާރާތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ. ހޯމް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އިމާރާތް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއެވެ. އަދި އިމާރާތާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.
މާފުށީ ޖަލުގެ އައު އިމާރާތް ކަރެކްޝަންސްއާއި ހަވާލުކޮށްފައިވާއިރު، ތަހުޤީޤަށް މީހުން ބަންދުކުރާ ޖަލުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަން ހުރި ކަންތައްތަކާ، ކުރިއަށް އޮތްތާނގައި އިމާރާތްކުރާ ކަސްޓޯޑިއަލް ޖަލުތައް ރަނގަޅުކުރުމާއި ގުޅޭގޮތުން ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ އިސް އޮފިސަރުންނާ މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ޚާއްސަކޮށް ހޯމް މިނިސްޓަރުގެ އިސްނެންގެވުމަށް ޚާއްސަ މަސައްކަތްތަކެއްދަނީ ކުރައްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓްގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި ޖަލުތަކުގެ އޮޑިޓް ރިޕޯޓެއްވަނީ އެކުލަވާލައި އާންމުކުރައްވާފައެވެ. އަދި އދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.
ޖަލުގައި ޖާގަ ނެތުމުން އެކި ކުށްކުށުގައި ޖަލަށްލެވޭ މީހުން އެއްތަނެއްގައި ތިބެންޖެހިފައިވާކަމަށާއި އެހެންނަމަވެސް ބޮޑެތި ކުށްވެރިންނާއި ހައްދުފަހަނަ އަޅާފައިވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ޖަލުތަކުގެ ހާއްސަ އޮޑިޓެއް ހަދާ ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން މާލެއާއި ހުޅުމާލެ ޖަލު އެއްކޮށްލުމުގެ މަސައްކަތް މިއަހަރު ކުރުމަށް ވަނީ ނިންމާފައެވެ.
މާލެއާއި ހުޅުމާލެ ޖަލު އެއްކޮށްލުމަށްފަހު އަޅާ ޖަލު ވެގެންދާނީ ރާއްޖޭގައި ހަދާ ސަރަހައްދީ އެންމެ ބޮޑު ޖަލަށްކަމަށާއި މިތަނުގައި ރިމާންޑް މީހުންނާއި އަންހެން ޤައިދީންގެ އިތުރުން ކުޑަކުދިންވެސް ބޭއްތިބުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.
މި ތަނަކީ ޑިޓެއިނީސްއަށް ހާއްސަ ޖަލަކަށް ވާނެކަމަށްވެސް ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ. ކުށްވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އައު ޖަލާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިމަސައްކަތް ނިމޭއިރު މުވައްޒަފުން ތިބޭނެ އިތުރު އެކޮމަޑޭޝަން ބްލޮކްތައްވެސް ހެދިގެންދާނެކަމަށެވެ. ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް ނިންމާ 2022 ވަނަ އަހަރު އެތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.
މީގެއިތުރުން ނޭކުރަންދޫ ޖަލު ތަރައްޤީކުރުމަށްވެސް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށާއި އެ މަސައްކަތްވެސް އަންނަ އަހަރު ފެށިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީހުން ބޭތިއްބުމަށް އެކަށީގެންނުވާތީ ބަންދުކުރި މާލޭ ޖަލު އެނެކްސް އެކެއް، މަރާމާތު ކުރުމަށްފަހު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އަލުން ހުޅުވާފައެވެ.