މާލެ ސަރަޙައްދުގައި ކޯވިޑްގެ ކޭސްތައް ގިނަވެ، ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
މިކަން ހާމަކޮށް ޤައުމީ ކުތުބުޚާނާއިން ވަނީ ކޮވިޑް-19 އިން އާންމުން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފެބްރުއަރީ 2 އިން ފެށިގެން ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ލައިބްރަރީތަކުން ދޭ ޚިދުމަތްތައް ދެން ދޭނީ އޮންލައިންކޮށްކަމަށް ޤައުމީ ކުތުބުޚާނާއިން މަޢުލޫމާތުދެއެވެ. ޚިދުމަތް އަލުން ފަށާނެ ތާރީޚެއް ފަހުން އާންމުކުރާނެކަމަށް ވެސް ކުތުބުޚާނާއިން މަޢުލޫމާތުދެއެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން އެކި ފަހަރުމަތިންވަނީ ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް މެދުކަނޑާލާފައެވެ.
އައު ޚިދުމަތްތަކާ އެކު ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ 2019 އަހަރު އަލުން ވަނީ ހުޅުވާފައެވެ. ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީއަކީ ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ތަނެކެވެ. މި ލައިބްރަރީގެ އިމާރާތުގައި ކުޑަކުދިންނަށް ޙާއްޞަ ކިޑީ ކޯނަރ އަކާއި، ކުދިން އައިސް ކިޔަވަން ތިބެވޭ ސްޓަޑީ ކޯނަރ އެއް ތަރައްޤީކޮށްފައި ވާއިރު، ކުޑަކުދިންނާ ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.