ކޮވިޑުން ރައްކާތެރިވުމަށް ދިވެހިރާއްޖޭގައި އިއްޔެ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑްއޭ ކިޔުނު ވެކްސިނެކެވެ. އެ ވެކްސިން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުވެސް ޖައްސަވައިފިއެވެ. ވަޒީރުންގެ މަޖިލީހުގެ ގިނަ މެންބަރުން ވެސް ޖައްސަވައިފިއެވެ. ބޮޑެތި ބޮޑެތި ވިޔަފާރިވެރިން ވެސް ޖައްސަވައިފިއެވެ. އަދިކިޔެއްތަ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އެތައްއެތައް ޑޮކްޓަރުން ވެސް މި ވެކްސިން ޖައްސަވައިފިއެވެ. މިއިން އެއްވެސް ބޭފުޅަކަށް ސިއްހީގޮތުން އިތުރު ދައްޗެއް ތުރާލެއް ކުރިމައްޗެއް ނުވެއެވެ. އެއްވެސް އުދަގުލެއް ތުރާލެއްނުވެޔޭ ހުރިހާ ކަމެއް ހަމަ ބަރާބަރޭ އެބޭފުޅުން އެބަވިދާޅުވެއެވެ.
ގައުމުގައި ތިއްބެވި އެކިވަރުވަރުގެ ދަރަޖަވެރިން މިވެކްސިނުގެ އިތުބާރު އަމިއްލަފުޅު ހައިސިއްޔަތުން ވެސް ދައްކަވައި ރައްޔިތުން ކުރިޔަށްދާންވާ މަގަކީ މިއީއޭ ވިދާޅުވީމާ ބައެއް މީހުން އެބަކިޔައެވެ. އުނހޫ އުނހޫ އަދި ތިޔަވަރަކުން ނުފުދޭނެއެވެ. ތިޔައީ އިތުބާރުކުރެވޭ ވެކްސިނެއް ނޫނެވެ. ގާނޫނަކުން މަޖުބޫރުނުކުރަންޏާ އަހުރެންގެ ގަޔަކަށް ތިޔަ ވެކްސިނެއް ނުޖަހާނަމެވެ. އެކަމަށް އެއްބަހެއް ވެސް ނުވާނަމެވެ. މިއުޅެނީ ކޮންކަހަލަ އިތުބާރެއް ނުލިބިގެން ބާވައެވެ. ވެކްސިން ޖެހި މީހުން އެބުނަނީ އިތުބާރު އެބައޮތޭއެވެ. އަމަލީގޮތުން އެ އިތުބާރު ވަނީ ސާބިތުކޮށް ވެސް ދީފައެވެ. އެހެންވީމާ މިއުޅެނީ އިތުބާރުގެ މައްސަލައެއް ނޫނެވެ. މިއުޅެނީ ފިކުރުގެ މައްސަލައެކެވެ. އުޅެވެނީ ވެކްސިން ސިޔާސީ ކުރެވޭތޯއެވެ.
ގާނޫނަކުން މަޖުބޫރުކޮށްގެން ނޫނީ ހަމައެެއްކަމެއް ވެސް ނުކުރާ ހިސާބަށް މީސްމީހުންގެ ފިކުރު ދިޔުމަކީ ވަރަށް ވެސް ދެރަވަރުކަމެކެވެ. މިދައްކަނީ ނުރައްކާތެރި ވަބާޔަކުން މީހުން ރައްކާތެރިކޮށް ފުރާނަ ސަލާމަތްކުރުމަށް ވެކްސިންޖަހާ ވާހަކައެވެ. ތިމާގެ އަމިއްލަ ސަލާމަތާއި އެހެންމީހުންގެ ސަލާމަތާއި ގުޅިފައިވާ މުހިއްމު ކަމެއްގެ ވާހަކައެވެ. މުޖުތަމައު ރައްކާތެރި ކުރުމުގެ ވާހަކައެވެ. ކޮންމެ މީހަކީ ވެސް މުޖުތަމައަށްޓަކައި ޒިންމާތަކެއް އުފުލާންޖެހޭ މީހެކެވެ. ތިމާގެ ސަބަބުން ދެންތިބީންނަށް ނުރައްކާނުކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ފަރުދީގޮތުން ވެސް ޖާމިނުވާންޖެހޭ މީހެކެވެ. އެހެންވީމާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްގައި ތިމަންނާ ގަޔަކަށް ތިޔަ ވެކްސިނެއް ނުޖަހާނަމޭ އެންމެ ފުރަތަމަ ގާނޫނެއް ފާސްކޮށްގެން ގެންނާށޭ މީހަކު ބުނާކަމަށްވެއްޖެނަމަ އެ ބުނުމަކީ ޒިންމާދާރުކަން ނެތުމުގެ މިސާލެކެވެ.
ދިވެހިރާއްޖެއަށް ގެނެސްފައިވާ ވެކްސިނަކީ ހަމައެކަނި ދިވެހިން ގަޔަށް ޖަހަން އުފެއްދި ވެކްސިނެއް ނޫނެވެ. އަދި މިޖެހުމެއް ޖަހަނީ އަޖުމަބަލާކަށެއް ވެސް ނޫނެވެ. ބަލަންޖެހޭ ހުރިހާ ބެލުންތަކަށްފަހު ފާސްވެގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދެން ވެސް ހުރި ތަންތަނުން މި ވެކްސިނަށް ހުއްދަ ދީފިއެވެ. ސިއްހީ މާހިރުންގެ އިތުބާރުދީފިއެވެ. ދުނިޔޭގެ އެތައް ގައުމެއްގައި މިވެކްސިން ޖަހަން ފަށައިފިއެވެ. ހުރިހާ ކަމެއްވެސް ދަނީ ބަރާބަރަށެވެ. އެކަމަކު މި ދިވެހިރާއްޖޭގެ ބައެއް މީހުންނަށް މިއީ ވަކި ގައުމެއްގައި ވަކިބަޔަކު އުފައްދާ އެއްޗެއްކަމަށް ފެންނާތީ އޭގެ އިތުބާރުނެތީއެވެ. ގާނޫނަކުން މަޖުބޫރުނުކުރަންޏާ ވެކްސިން ޖަހަންވެސް ނުރުހެވެނީއެވެ.
އެހެން އެބުނާ މީހުން އެކިގައުމުތަކަށް ދަތުރުކޮށް އެކި ހަސްފަތާލުތަކަށް ޒިޔާރަތްކޮށް ފަރުވާ ލިބިގަންނަނީ ގާނޫނަކުން މަޖުބޫރުވެގެންބާވައެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ނަގަނީ އަދި އެކިކަހަލަ އިންޖެކްޝަން ޖަހަނީ ގާނޫނަކުން މަޖުބޫރުވެގެން ބާވައެވެ. ނޫނެކެވެ. އެކަހަލަ މަޖުބޫރީއެއް ނެތެވެ. އަމިއްލަޔަށް ޚަރަދުކޮށްފައިގޮސް އަމިއްލަޔަށް ފަރުވާ ލިބިގަންނަނީ އަމިއްލަ އިޚުތިޔާރުގައެވެ. ތިމާގެ އަމިއްލަ ސިއްހަތަށްޓަކައެވެ. އެހެންވީމާ ވެކްސިނުގެ މައްސަލާގައި އެދައްކަނީ މުޅިން ހޮޅިވާހަކައެކެވެ. ނުރައްކާތެރި ވާހަކައެއްވެސްމެއެވެ.
ކޮވިޑަކީ މީސްމީހުންގެ ސިޔާސީ ފިކުރާއި ކުލަޔާއި ވަހާއި ރަހަޔަށް ބަލައިގެން ފެތުރޭ ބައްޔެއް ނޫނެވެ. އެހެންވީމާ ކޮވިޑާއި ކޮވިޑުގެ ވެކްސިން ސިޔާސީކުރަން ފުރުސަތެއް ނެތެވެ. ސިޔާސީކުރަން އުޅެންޏާ އެއީ މުޖުތަމައުގެ އާއްމު މަސްލަހަތާ ޚިލާފުވެވުނީއެވެ. ތިމާ ރުހޭ ސަރުކާރެއް އައިސް ތިމާ ރުހޭ ގައުމެއްގެ ވެކްސިން ގެނެސްގެން ތިމާ ރުހޭ މީހަކު ލައްވާ ވެކްސިންޖަހަންޏާ ދެން މިކަމުން އަރައިގަނެވޭނޭ ދުވަހެއް ނާންނާނެއެވެ. އެއީ އަޅުގަޑުމެންނަށް ފަރުޖެއްސޭނޭ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ނަމެއްކިޔާ މީހަކު ވެރިކަމުގައި ހުއްޓަސް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާކަންކަމަށް ފަރުދީގޮތުން ދޭންޖެހޭ އެއްބާރުލުމެއް ދޭންޖެހޭނެއެވެ. އެކަމަށް ދެއްކޭނޭ އުޒުރެއް އޮވެގެން ނުވާނެއެވެ. އެއީ ރައްޔިތަކަށްވީތީ ކޮނޑުގައިއެޅޭ ފަރުދީ ޒިންމާއެކެވެ.
ބައެެއްމީހުން ހީކުރެއެވެ. ވަރުހުންނަނީ އަނގައިގައެވެ. އަނގައިގައި ވަރުހުރިއްޔާ ހިފެހެއްޓޭނެއެވެ. އެކަމަކު ކޮވިޑުގެ ކަންތަކުގައި ވަރު ހުރީ އަނގަޔަކު ނޫނެވެ. ވެކްސިނުގައެވެ. ދުނިޔޭގެ ގައުމުތަކުން ބިލިޔަނުން ބިލިޔަނުން ޚަރަދުކޮށްގެން ވެކްސިން އުފެއްދީ އެހެންވެގެންނެވެ. ބާރުހުރީ ވެކްސިނުގައި ކަމަށްވާތީއެވެ. ކޮވިޑުގެ ވިލާތައް ކަހައިލުމުގެ ބާރުހުރީ ވެކްސިނުގައި ކަމަށްވާތީއެވެ. އެހެންނޫންނަމަ ވެކްސިން އުފެއްދުމުގެ ބޭނުމެއް ނޯންނާނޭތާއެވެ. މޮޅު މީހަކު މޮޅު ވާހަކައެއް ބުނެލައި ޗާލާކީ ހުއްޖަތެއް ދެއްކީމާ ކޮވިޑުވެސް ގާދޫކޮލުން ފައިބައިގެން އައިތާކަށް ހިގައިދާނޭތާއެވެ.