ސްގަޑްސަންގެ ހިތްގައިމު ލަނޑާއެކު ރެލިގޭޝަނުގެ ބިރު އޮތް ސްވަންސީ ސިޓީ އިން މެންޗެސްޓަރ ޔުނައިޓެޑުން ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް އަޅައިފިއެވެ.
ޔުނައިޓެޑްގެ އޯލްޓްރެފޯޑްގައި ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާގެ ސަބަބުން ސްވަންސީއަށް ޕްރެމިއަރ ލީގުގައި ދެމިއޮތުމާއިމެދު ވަނީ ކުޑަ އުއްމީދެއް އާވެފައެވެ.
މި މެޗުން އެއްވަރުވުމުގެ ސަބަބުން ޕޮއިންޓްގެ ގޮތުން މެންޗެސްޓަރ ސިޓީއާ އެއްވަރު ވިޔަސް ގޯލުގެ ތަފާތުން ޔުނައިޓެޑް އޮތީ ފަސް ވަނައިގައެވެ. އާދިއްތަ ދުވަހުގެ ރޭ (މިރޭ) ދުވަހު މިޑްލްސްބަރާ އާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ތިން ޕޮއިންޓްގެ ފަރަގެއް އަނެއްކާ އަންނާނެއެވެ.
ޔުނައިޓެޑާއި ސްވަންސީ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ވެއިން ރޫނީއެވެ.
ސްވަންސީގެ ލަނޑު ފެނިފައިވަނީ ފަހު ހާފުގައެވެ. މި ލަނޑަކީ ލިބުނު ހިލޭ ޖަހުމަކުން ސްގަޑްސަން ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑެކެވެ.
ތިން ޕޮއިންޓް ގެއްލުމުގެ އިތުރުން މި މެޗުގައި ޔުނައިޓެޑްގެ އެރިކް ބެއިލީ އާ ލޫކްޝޯ އަށް އަނިޔާވުމުން އެކުލަބަށް އިތުރު ނުތަނަވަސް ކަމެއްވަނީ ކުރިމަތިވެފައެވެ.
މިހާރުވެސް އަނިޔާގެ މައްސަލައާ ގުޅިގެން ކުރިން އޮތް ޔޫރޮޕާ ލީގުގައި ކުޅެންޖެހޭ މެޗާމެދުވެސް މޮރީނިއޯ ހުރީ ކަންބޮޑުވެފައެވެ.
އަނިޔާގެ ލިސްޓަށް އެރިކް ބެއިލީ އާ ލޫކްޝޯ އިތުރުވިއިރު، ޑިފެންޑަރުން ކަމަށްވާ ފިލް ޖޯން އާ ކްރިސް ސްމޯލިންގް ގެ އިތުރުން މާކޮސް ރޮހޯ މިހާރު ތިބީ އަނިޔާގައެވެ.