ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސައިކަލުތަކެއް ހަދިޔާކޮށްފިއެވެ.
މި ކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ލިޓަސްއިން ހަދިޔާކުރި 4 ސައިކަލާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރެވެ. ލިޓަސްގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ލިޓަސްގެ އިސް ބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގައި ލިޓަސްގެ ފަރާތުން ހަދިޔާކުރި އޯޖޫ ބްރޭންޑްގެ މި ހަތަރު ސައިކަލު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ އެކި މަސައްކަތްތަކުގައެވެ.
ރާއްޖޭގެ އެކި ކުންފުނިތަކުން ފުލުހުންގެ މަސައްކަތްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސްގެ ފަރާތުން 100 ހެލްމެޓް މީގެ ކުރިން ހަދިޔާ ކޮށްފައިވެއެވެ.