ކ. މާލެ
|
1 ފެބްރުއަރީ 2021 | ހޯމަ 23:16
މާސް އިންސެޕެކްޝަންއެއްގެ ތެރެއިން
މާސް އިންސެޕެކްޝަންއެއްގެ ތެރެއިން
ރާއްޖެއެމްވީ
މާސް އިންސްޕެކްޝަން
ކޭސްތައް އިތުރުވެ، ބަލި ކޮންޓްރޯލްކުރުމަށް މާސް އިންސްޕެކްޝަންގެ 6 ވަނަ ބުރެއް
މީގެ ކުރިންވެސް އެކި ފަހަރުމަތިން ގިނަ ޚިދުމަތްތަކެއް ދޭގޮތް ވަނީ ބަލާ ފާސްކޮށްފައި
މި އިންސްޕެކްޝަން ފަށާނެ ތާރީޚެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވޭ

މާލެ ސިޓީގައި މާސް އިންސްޕެކްޝަންގެ ހަވަނަ ބުރެއް ފަށަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ތައްޔާރުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ޢާއްމުން އެއްވާ ތަންތަނުގައި ހުންނަންޖެހޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް އެ ތަންތަނުގެ ޙާލަތު ހުރިތޯ ބެލުމަށް 5 އިންސްޕެކްޝަންއެއް މިހާތަނަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އިންސްޕެކްޝަންއެއް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ،ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް މީގެ ކުރިން 4 ފަހަރުމަތިން ވަނީ ކޮށްފައެވެ.

އިންސްޕެކްޝަންގެ އައު ބުރެއް ހިންގަން ނިންމާފައިވާކަން ހާމަކޮށް އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ކަނޑައަޅާފައިވާ އުޞޫލުތަކާއިއެއްގޮތަށް ޢަމަލު ކުރުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ބުނެފައެވެ. އެގޮތުން، މި އިއުލާނުގައި ވަނީ މިދުވަސްވަރު މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއުމާއި ބަލި ކޮންޓްރޯލު ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާކަން ދެނެގަތުމަށް އާންމު ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

މި އިންސްޕެކްޝަން ކުރިއަށްދާނީ އެޗްޕީއޭއާއި، މޯލްޑިވްސް ޕޮލިސް ސާރވިސަސް އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން މާލޭ ސަރަޙައްދަށް އަމާޒުކޮށްގެންނެވެ. މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ،ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް ފަދަ ޢާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔަރ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރެވޭނެއެވެ.

މި ފަހަރުގެ އިންސްޕެކްޝަންގައިވެސް ކޮވިޑް-19 އާ ގުޅިގެން އެޗް.ޕީ.އޭ އިން ކަޑައަޅާފައިވާ ގައިޑްލައިންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި އިންސްޕެކްޝަން ފަށާނެ ތާރީޚެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް