ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 23:34
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު އަލީ ސުޒޭން
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު އަލީ ސުޒޭން
ރާއްޖެއެމްވީ
މާލޭ ލީގު
ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ރަނގަޅު ފެށުމެއް: ސުޒޭން
ފުރަތަމަ ބުރު ނިމުމުގެ ކުރިން މެޗަކުން މޮޅުވުމަކީ ރަނގަޅު ފެށުމެއް
ލީގުގެ ހަވަނައިގައި ވިކްޓްރީ އޮތީ 5 ޕޮއިންޓާއެކު

މޮޅެއް ނުލިބި އެތައް ދުވަހެއް ވުމަށްފަހު ކްލަބު ވެލެންސިޔާ އަތުން ލިބުނު މޮޅަކީ ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ވިކްޓްރީ ވަނީ ކްލަބު ވެލެންސިޔާގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައި ލީގުގެ 6 ވަނަ މަގާމަށް ކުރިއަށްޖެހިލައިފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ މެޗަކުން މޮޅެއް ނުވެވި މިހާރު 3 މަހަށްވުރެ ދުވަސްވެފައިވާ ކަމަށާއި އަދި ލީގުގެ ފުރަތަމަ ބުރު ނިމުމުގެ ކުރިން މެޗަކުން މޮޅުވުމަކީ ރަނގަޅު ފެށުމެއް ކަމަށް ބުނެވިދާނެ ކަމަށެވެ.

ސުޒޭން ބުނީ މުޅި މެޗަށް ބަލާއިރުވެސް ގިނަ ހަމަލާތަކެއް އިދިކޮޅު ގޯލަށް ވިކްޓްރީން އަމާޒުކުރި ކަމަށާއި އެގޮތުން މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ތައުރީފުކުރާ ކަމަށެވެ.

ލީގު ތާވަލުގައި މިހާރު ޓީމުތައް ތަރުތީބުވެފައިވާ ގޮތުން ވިކްޓްރީ އަށް 5 ޕޮއިންޓާއެކު ހަވަނަ ލިބިފައިވާ އިރު މިއީ ކުރިއަށް އޮތް ބުރަށްދާއިރު އެޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ސުޒޭން ބުނީ ދެވަނަ ބުރަށް ދިއުމުގެ ކުރިން ފުރަތަމަ ބުރުގެ ފަހު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މިހާރު ހުރިހާ ވެސް ވިސްނުމެއް ހުރީ އެ މެޗަށް ކަމަށެވެ.r

ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 7 ވަނަ ދުވަހު އެވެ.

- ކޮމެންޓް