މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)އާއި ދެމެދު އިންޓަރގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގެ ފުރަތަމަ ފިޔަވަހީގެ ސަރވިސް އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިލަދުންމަތީ އުތުރުބުރި (ހއ)، ތިލަދުންމަތީ ދެކުނުބުރި (ހދ) އަދި މިލަދުންމަޑުލު އުތުރުބުރީގައި (ށ) އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ޚިދުމަތް ނޮވެމްބަރ 2021 ގައި ފެށޭނެއެވެ.
މި ފިޔަވަހީގެ ޖުމުލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ މި މަސައްކަތްފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ ޢަދަދެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢިމާދެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ޙުސެއިން މޫސާއެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ.
މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކްއެވެ.
ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ޚިދުމަތެކެވެ.