އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއް ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ބުނެ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.
ހައިކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، ދަމަހައްޓާފައެވެ.
އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާނެކަމަށެވެ.
ނަމަވެސް އަދިމިހާތަނަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެއްނުވެއެވެ. އަދި އެކަން ސުޕްރީމް ކޯޓުން ވަނީ ހޯމަ ދުވަހު ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ.
އޭގެއިތުރުންވެސް، އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރައްތަކަކާއި ފަޅުތަކެއް ވިއްކައިގެން، ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިނާޔާތްތެރިވެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައެވެ. އެހެންކަމުން ރާއްޖޭގެ އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއްކަމަށެވެ.