ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގާރަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
އެކަން ހާމަކުރައްވާފައި ވަނީ، އެމް.އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެކުންފުނިން ކުއްޔަށް ދޫކުރި ރ. ފުއްގިރި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއާގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުންނެވެ.
ނަމަވެސް، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ، ކޮން މައްސަލައެއްގައިކަމެއް ގާނޫނީ ޓީމުން ހާމަކޮށްފައެއްނުވެއެވެ. އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، އަދީބާއި ޒިޔާތުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެ ދެބޭފުޅުން ގެންދަވަނީ އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އިޢުތިރާފުވެ، ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.
އެނގިފައިވާގޮތުގައި އަންގާރަ ދުވަހު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ވެސް އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލައެއްގައެވެ.
މިހާރުވެސް ރައީސް ޔާމީން ގެންދަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރި، ގއ. ވޮޑުމުލާ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މިހާރުވެސް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ރ. ފުއްގިރި މައްސަލަ ވެސް ހިނގަމުންދެއެވެ.
ގއ. ވޮޑުމުލާގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފުކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ނިންމާފައެވެ. އެހެންކަމުން މިހާރު ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ގެންދަވަނީ، ސުޕްރީމް ކޯޓުގައި އެމައްސަލަ އިލްތިމާސްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެކަން ވެސް އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ހާމަކޮށްފައިވެއެވެ.