ސިއްޙީ ވުޒާރަކީ ސިޔާސީ ވުޒާރާއެއް ނޫން ކަމަށާއި، ވެކްސިންގެޖެހުމުގެ ޕްރޮގްރާމް ސިޔާސީނުކުރުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.
ވެކްސިންދިނުމުގެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިންއާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދާ ކަމަށެވެ. ނަމަވެސް ވެކްސިންދިނުމުގެ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި، ދައުލަތުގެ ވެރިން ވެސް ވެކްސިން ޖެއްސެވީ ފާޅުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިއްޙީ ވުޒާރާއަކީ ސިޔާސީ ތަނެއް ނޫން ކަމަށާއި، ރައްޔިތުންގެ ސިއްޙަތާ ގުޅިފައިވާ ކަންކަމުގައި ސިޔާސީ ކުރުމުގެ ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ވެކްސިންއާ ގުޅޭ ހަގީގަތެއް ނެތް ވާހަކަތައް ނުދެއްވުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ވެކްސިންޖެހުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ވެކްސިން ދެމުންދާ ގައުމުތަކުގައި މިހާރު ބަލި ކޮންޓްރޯލް ކުރެވެމުންދާކަން ދިރާސާތަކުން ދައްކާ ކަމަށެވެ.
މިއީ ވަރަށް މުހިންމު ފިޔަވަޅެއް. ވެކްސިން މިހާރު ތިބޭފުޅުން ދިރާސާކޮށްފިކަމުގައިވާނަަމަ ވެކްސިން ޖަހަމުންދާ ގައުމުތަކުން މިބަލިމަޑުކަން މަޑުވަމުން ތިރިވަމުން މިދަނީ. އެއަށްބޮޑު އިންޑިއާގައި ވެސް ވަރަށް ބޮޑުތަން ތިރިވެއްޖެއެވެ. އެހެންވީމަ މިއީ މީގެ ހައްލަކަށްވާނީ. ވެކްސިން ޖެހިގެން މީތި ކަންތައް ވާނީ.ހެލްތް މިނިސްޓަރު ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތް ތަނުގައި ތަފާތު ވެކްސިންތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.