މުއްދަތު ހަމަވެފައިވާ އައިޑީކާޑަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް ވޯޓުލެވޭނެ ގޮތް ހަދައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ނެރުނު އިއުލާނެއްގައިވަނީ، މިހާރު މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި އެ އިދާރާއަށް ނުފެންނަކަމަށް ބުނެފައެވެ. މި ސަބަބައްޓަކައި ކުރިޔެކޭވެސް އެއްފަދައިން މުއްދަތު ހަމަވެފައިވާ ކާޑަށް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ޚިދުމަތް ފޯރޮކޮށްދޭ ހުރިހާ ފަރާތްތަކުންވެސް ޚިދުމަތް ފޯރޮކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ވަނީ އަންގާފައެވެ.
ޑީއެންއާރުން ކުރިއަށްއޮޔް އިންތިޚާބުތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެކަން އަންގާފައިވާއިރު، ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން 2021 ފެބްރުއަރީ 08 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ޖަނަވަރީ 30 ވަނަ ދުވަހު ވަނީ އަންގާފައެވެ.
އިލެކްޝަނުން ބުނީ 2021 އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލްކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.
އަދި 8 ފެބްރުއަރީއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިޞްލާޙުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
2021 އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ޖަނަވަރީ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށްވަނީ ފަށާފައެވެ. އެގޮތުން ކޮވިޑް-19 މުޖުތަމަޢުގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނިފައިވާއިރު، މި ޙާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. މީގެ އިތުރުން އިންތިޚާބަށް ކެމްޕެއިން ކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ގައިޑް ލައިންގައި ހިމަނާފައިވާކަންވެސް ވަނީ ހާމަވެފައެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބޭއްވޭ ގޮތަށް ޤާނޫނު އިޞްލާހުކޮށްފައިވާއިރު، އެ ގައިޑްލައިންގައި އެޗް.ޕީ.އޭ. އިން ލަފާދީފައި ވަނީ ގޭގެއަށް ގޮސްގެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމްތައް އިޚުތިޔާރު ކުރުމަށެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރާ ނަމަ ކަރަންޓީނުގެ އުސޫލަށް ތަބާވާން ޖެހޭނެ ކަމަށާއި މާލެއިން ރަށްރަށަށް ގޮސް ކެމްޕޭން ހަރަކާތެއް ބޭއްވޭނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ބަލި ފެތުރުމުގެ ފުރުސަތު ނެތްކަން ކަށަވަރުވުމުން ކަމަށް ގައިޑްލައިންގައި ވެއެވެ. އެޗް.ޕީ.އޭ.އިން އަދި މި ގައިޑްލައިން އާންމު ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ.
ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަސް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ އިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގައެވެ.