އެމް.އެ.މްޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާއަށް އިންކާރު ކުރައްވައިފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދަޢުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެކެވެ. މި ދެ ދައުވާ އުފުލާފައިވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑަރ ކުރުމަށްޓަކައި ފައިސަލާކޮށްފައިވާ މައްސަލައިގައެވެ.
މި ދެ މައްސަލައާއި ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެ ދައުވާތަކަށް ރައީސް ޔާމީން އިންކާރު ކުރައްވާ ކަމަށެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ނަމުގައި އެމަނިކުފާނަށް އަމާޒުކޮށް ކުރާ ދައުވާއެއް ކަމަށާއި އެ ދައުވާގައިވަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް މި ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާކަމަށާއި އިތުރު ދައުވާތަކުގައި އާ އެއްވެސް ތުހުމަތެއް ނެތްކަމަށް ޖަމީލް ވިދާޅުވެއެވެ.
މި ދެ ދައުވާއަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން ގާޒީ އަހުމަދު ޝަކީލްވަނީ ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް އިންކާރު ކޮށްފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ނަގައި އާންމުކުރުން އޮންނާނެ ކަމަށް ވިދާޅުވެ އަންނަ މަހުގެ 8 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ. ނަމަވެސް އެ ތާރީހާ މެދު ރައީސް ޔާމީންގެ ފަރާތުން ވަނީ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެއާއެކު ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެ އަޑުއެހުން ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު އަޑުއެހުން ނިންމަވާލައްވާފައެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދިން ގއ. ވޮޑުމުލާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1،000،000 (އެއް މިލިއަން) ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށް، މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.