ކޯވިޑް-19ގެ ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ޞައްހަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު، މި ވެކްސިނަކީ ހުއްދަ ދެވިފައިވާ އެއްޗެއް ނޫންކަމަށް ބުނެ، ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ އެކި ފޯރަމްތަކުގައި ވާހަކަ ދައްކަމުންނެވެ. އަދި އެ ވެކްސިން ޖެހުމަށް އެ ފަރާތްތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ކޯވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، ކަންބޮޑުވާކަމެއް ކަމަށެވެ.
އީސީން ބުނީ އަންނަ އެޕްރީލްމަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު، ކެމްޕޭން ކުރުމަށާއި އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގެ ވޯޓާރސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އެގޮތުން ކޮވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭގޮތުން ޞައްހަ ނޫން މަޢުލޫމާތު ފެތުރުން ހުއްޓާލައި ވެކްސިން ސިޔާސީ ނުކުރެއްވުމަށްވެސް ސިޔާސީ ޕާޓީތަކަށާއި ޕާޓީތަކުގެ މެންބަރުންނަށް އިލެކްޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މި މަހުގެ 26 ވަނަ ދުވަހު ދީފައިވާއިރު، ހޯމަ ދުވަހު ރާއްޖޭގައި ވެކްސިން ދޭން ފަށާނެއެވެ. އަދި އެންމެ ފުރަތަމަ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭން ފަށާނީ، މާލެ، އައްޑޫ އަދި ހދ. ކުޅުދުއްފުށީގައެވެ.