ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 15:09
2011 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވި ރަސްމިއްޔާތުގެ ތެރެއިން
2011 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އިބްރާހިމް ރަޝީދު އަވަހާރަވުން
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އިބްރާހިމް ރަޝީދު އަވަހާރަވެއްޖެ
24 ނޮވެމްބަރު 1942 ގައި ގައުމަށް ޚިދުމަތްކުރައްވަން ފެއްޓެވި
ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބުކަން
ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް ލިބިވަޑައިގެންނެވި

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހެންވޭރު ޒޮނޭރިއާ، އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވާހަރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު އަވަހާރަވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްވުމަށްފަހުއެވެ.

ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ އާއިލާއާއި ވެރިކަމުގެ އާއިލާއިން ވަޑައިގެންނެވި އިބްރާހިމް ރަޝީދު ވަނީ އެކި ދާއިރާތަކުން ގައުމަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން އިބްރާހީމް ރަޝީދު ސަރުކާރަށް ޚިދުމަތްކުރައްވަން ފައްޓަވާފައިވަނީ، 24 ނޮވެމްބަރު 1942 ގައެވެ. އަދި ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމުގެ މަޤާމެވެ.

އޭގެ އިތުރުން މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރުކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަގާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަގާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަގާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމު ހިމެނެއެވެ. އަދި އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބުއަރުވައިފައިވާ އަދި ދިވެހިރާއްޖޭގެ ގައުމީ ހަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އިބްރާހީމް ރަޝީދު، އަވަހާރަވުމުގެ ހިތާމައިގައި، ހޯމަ ދުވަހުން ފެށިގެން 3 ދުވަސް ވަންދެން (1 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން 3 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

- ކޮމެންޓް