ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ، 23 އަހަރު)ގެ ބޮލަށް ވަޅިއަކުން ހަމަލާދިނީ، މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވާ، ގ. ޝާރާޒް، މުހައްމަދު މަފާޒު ކަމަށް ދައުލަތުން ޝަރީޢަތަށް ހުށަހެޅި ދެ ހެކީން ހެކިބަސް ދީފިއެވެ.
ނަދީމް މަރުވެފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓަރމިނަލް ކެފޭތެރޭގައި ނަދީމް އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ޙަމަލާދިނުމުގެ ސަބަބުންނެވެ. ނަދީމް މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، އޭގެ ދެ ދުވަސް ފަހުންނެވެ.
ނަދީމުގެ މަރުގެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ މަފާޒުގެ މައްޗަށެވެ. ނަދީމުގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ، ލ. ގަން، ވިދާތަރު، އަލީ ނިފާޒާއި ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން، ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
ނަދީމްގެ މަރުގެ މައްސަލާގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި ވަނީ، ދަޢުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސްނަގާފައެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ، މަފާޒުގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ، ލ/ ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިވެރީންގެ ހެކިބަސްނެގުމެވެ.
ސިއްރުކޮށް، އަދި އަޑުވެސް ބަދަލުކޮށްގެން، ހެކިބަސް ދެމުން އެ ދެ މީހުންވެސް ބުނެފައިވަނީ، ނަދީމުގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ، އެންމެފަހަރަކު ކަމަށާއި ހަމަލާދިނީ މަފާޒު ކަމަށެވެ. އަދި އެމަންޒަރު ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށް ވެސް ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވެއެވެ.
ހެކިބަސްދިން ދެ މީހުން ވެސް ބުނީ، ނަދީމަށް ހަމަލާދިނުމަށް ޓަރމިނަލް ކެފޭތެރެއަށް ވަނީ ދެމީހުން ކަމަށެވެ. އެއީ ނަދީމަށް ހަމަލާދިން މަފާޒާއި މަފާޒަށް އެހީތެރިވުމަށް ވަތް ނިފާޒު ކަމަށެވެ.
ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވަނީ، ނަދީމަށް ހަމަލާދިންއިރު، އެ ދެމީހުން ތިބީ މޫނުމަތީ ސްކާފެއް ކަހަލައެއްޗެއް އަޅައިގެން ކަމަށާއި، ނަމަވެސް އެ ސްކާފް މޫނުމަތިން ނެއްޓުނު ވަގުތު، އެ ދެމީހުން ދެނެގަނެވުނު ކަމަށެވެ. އަދި އެ ދެމީހުން ދެނެގަނެވުނު މިންވަރާއި، ކަން ހިނގާދިޔަގޮތުގެ ތަފްސީލް، މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ވާނެކަމަށް ވެސް ހެކިބަސްދިން ދެމީހުންވެސް ބުނެފައިވެއެވެ. ހެކިބަސްދިން މީހުން ބުނީ، މަފާޒާއި ނިފާޒު ޓަރނިނަލް ކެފޭ ތެރެއަށްވަދެ، ނަދީމަށް ހަމަލާދިނުމަށްފަހު، އެތަނުން ދިއުމާ ހަމައަށް ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓް ވެސް ނުވާނެ ކަމަށެވެ.
ނަދީމުގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް އިތުރު ދެ އަޑުއެހުން ބޭއްވޭނެ ކަަމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ. އެގޮތުން ފެބްރުއަރީ 9 ވަނަ ދުވަހު ހެކިބަސް ނެގުމަށް ތާވަލުކޮށްފައިވާ އަޑުއެހުމަށް ހެކިވެރިން އެދުވަހަށް ހާޒިރު ނުކުރެވިދާނެތީ، އެ އަޑުއެހުމުގެ ބަދަލުގައި ފެބްރުއަރީ 17 ގެ ފަހުން ދުވަހަކަށް އެ އަޑުއެހުން ތާވަލުކޮށްދެއްވުމަށް ދައުލަތުން އެދިފައިވެއެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މިހާރު ތާވަލުކުރެވިފައިވާގޮތަށް، ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ހެކިބަސް ނެގުމަށް ފެބްރުއަރީ 17 ގައި އަޑުއެހުމެއް ބޭއްވޭނެ ކަމަށާއި، އަދި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް، ފަހު އަޑުއެހުމެއްގެ ގޮތުގައި ފެބްރުއަރީ 24 ވަނަ ދުވަހުގެ ކުރިން އިތުރު އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ. އަދި ފެބްރުއަރީ 24 ވަނަ ދުވަހު ބޭއްވޭނީ ދިފާޢުގައި ހުށަހަޅަފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.