ހޯމަ ދުވަހު ރާއްޖޭގައި ވެކްސިންދިނުމުގެ ޕްރޮގްރާމް ފަށަން ނިންމައިފިއެވެ.
ރާއްޖެ.އެމްވީ.އަށް ކަށަވަރުވެފައިވާ ގޮތުގައި ހެލްތް މިނިސްޓްރީން ހޯމަ ދުވަހު ވެކްސިންޖެހުމުގެ ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފައެވެ.
އަދި އެންމެ ފުރަތަމަ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭން ފަށާނީ، މާލެ، އައްޑޫ އަދި ހދ. ކުޅުދުއްފުށީގައެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ.
ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ "ނޭޝަނަލް ފާރމަސޫޓިކަލް ބޯޑު"ގެ ލަފައާއި މަޝްވަރާއާ އެކުގައި ކަމަށް އެމް.އެފް.ޑީ.އޭ.ގެ ބަޔާނުގައި ބުނެފައިވެއެވެ.
ސެރަމް އިން އުފައްދާ ކޮވިޝީލްޑް ވެކްސިނަކީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތައްޔާރުކޮށްފައިވާ ރިސާރޗްގެ މައްޗަށް އުފައްދާ ވެކްސިނެކެވެ. މި ވެކްސިންގެ އެންމެ ފަހުގެ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާ ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އީޔޫ އިން ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައެވެ.