މި ފަހުން ރިސޯޓުތަކުން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް އެ ކްލަސްޓަރތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކޮށް މެނޭޖް ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް ބޯޑަރު ހުޅުވާލި ފަހުން އަނެއްކާ ވެސް މަޑު މަޑުން ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޑރ. މައުސޫމް ވިދާޅުވީ މި ދަނޑިވަޅުގައި ރިސޯޓުތަކުން ކޭސްތައް އިތުރުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް ރިސޯޓުތަކަށް ބަލާއިރު ކޭސްތައް ފެންނަނީ މުވައްޒަފުންގެ މެދުގައި ކަމަށާއި ފާއިތުވި ދެ މަހު ވެސް ރިސޯޓަށް އައި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވި އަދަދު އެއް ޕަސަންޓަށް ވެސް ނާރާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ ކޭސްތައް އިތުރުވާ ވަރަކަށް ރިސޯޓުތަކުގެ މެނޭޖްމަންޓުންނާއި، އެޗްޕީއޭއިން އަންނަނީ ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންކަމަށާއި ރިސޯޓުތަކުގެ ހާލަތު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮންޓްރޯލްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ރިސޯޓުތަކަށް ވުރެ މާލޭގައި މި ދަނޑިވަޅު ބަލި އިތުރަށް ފެތުރިއްޖެ ނަމަ ވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ކްލަސްޓަރތަކެއް އެބަހުރި. އެއީ މުވައްޒަފުންގެ ކްލަސްޓަރތަކެއް. އެ ކަލަސްޓަރތައް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް މެނޭޖްކުރެވިގެން ކޮންޓްރޯލްކޮށްލެވޭނެ. ކޮވިޑް-19 ފެންނައިރު ފެތުރިފަ އޮވެއްޖެއްޔާ ދެން އަނބުރާ ކުރީގެ ހާލަތަށް ގެންނަން ވަގުތުކޮޅެއް ނަގާ. އެކަމަކު މިއަދު ހިންހަމަޖެހެނި އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ބޭފުޅުންނާއި ހާއްސަކޮށް އެޗްޕީއޭއިން މިކަންކަން މެނޭޖްކުރުމުގައި ވަރަށް ފަރިތަ.ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
މިނިސްޓަރ މައުސޫމް އިތުރަށް ވިދާޅުވީ ކުރިއަށް ދެން އޮތީ ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ދުވަސްވަރެއް ކަމަށެވެ. މި ޖެނުއަރީ މަހު ލަފާކުރި ވަރަށް ފަތުރުވެރިން ހަމަ ނުވި ނަމަވެސް މިހާރު ރާއްޖެއަށާއި ދުނިޔޭގެ ގިނަ ގައުމުތަކަށް ވެކްސިން ލިބިފައިވާތީ ކުރިއަށް އޮތް ދުވަސްތަކަކީ އުންމީދީ ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޖޫން ޖުލައި ހިސާބުގައި ވެކްސިންގެ ސަބަބުން ގިނަ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ހަމައަކަށް އަންނާނެ ކަމަށާއި، އޭގެ ފަހުން ޗައިނާ ޖަޕާން އަދި ކޮރިއާ ހިސާބުން ވެސް ފަތުރުވެރިން އަންނަން ފެށުމުން މިއަހަރަށް އަމާޒުކޮށްފައިވާ ޓާގެޓަށް ފޯރާނެ ކަމަށް ވިދާޅުވެފައިވެއެވެ.