ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށްޓަކައި އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އިންސްޕެކްޝަނަށް ފަހު ކަރަންޓު ގުޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ފްލެޓް ދޫކުރަން ނިންމާފައިވާ ތާރީހުގެ ކުރިން ކަރަންޓު ގުޅުމުގެ މަސައްކަތް ނިމޭނެކަމަށްވެސް ބުނެފައިވެއެވެ.
ފްލެޓްތަކުގެ ފެން ގުޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިހާރު ވަނީ ނިންމާފައެވެ.
ރައީސް ޔާމީން ސަރުކާރުގައި މަސައްކަތް ފެށި ހިޔާ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ނިންމާފައިވާއިރު އެތަނުގައި ހުންނަނީ 16 ޓަވަރެވެ. އަދި އެއިން ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހުރެއެވެ.
ހިޔާ ފްލެޓްތައް ލިބޭ ގިނަ ކެޓެގަރީތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަސްތެރޭގައި ފްލެޓްތައް ދޫކުރަން ފަށާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ފްލެޓްތައް ދޫކުރުމުން އެތަންތަނުގައި ދޮރު ހަރުކުރުން ފަދަ އެތެރޭގެ ހުރިހާ މަސައްކަތެއްވެސް ކުރަން ޖެހޭނީ ވެރިފަރާތުންނެވެ.