ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 01:41
އާސެނަލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
އާސެނަލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑް އެއްވަރުވިއިރު، ސިޓީއަށް ތިން ޕޮއިންޓުގެ ލީޑެއް
އާސެނަލާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ން
ޝެފީލްޑް އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ އަސެނަލާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ފްރެޑް ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ އާސެނަލުގެ ގޯލްކީޕަރު ބާން ލެނޯ ވަނީ ހުއްޓުވާފައެވެ. އޭގެ ފަހުން މި ހާފުގައި އާސެނަލުގެ ނިކޮލަސް ޕެޕޭ އާއި ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސްއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނަގަން ޔުނައިޓެޑުގެ އެޑިންސަން ކަވާނީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ލެނޯ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން އާސެނަލުގެ އަލެކްސަންޑަ ލަކަޒޭޓް ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި އާސެނަލުން އެ ޓީމާ ދާދި ފަހުން ގުޅުނު ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް ކުޅެން އެރުވިއިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޔުނައިޓެޑުގެ ކަވާނީއަށެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ކަވާނީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސިޓީ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 1-0 ން

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، އެއްވަނައިގައި އޮތް ސިޓީން ލީޑު ފުޅާކޮށްފައިވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކުރުމަށްފަހުއެވެ. މި މޮޅާއެކު ސިޓީން ވަނީ އެންމެ ފަހުން ކުޅުނު 12 މެޗުންވެސް މޮޅުވެފައެވެ. އަދި މި މެޗުގައި ސިޓީ ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، މިއީ ބައިކޯލަށް ލަނޑެއް ނުވަދެ ސިޓީން ޖެހިޖެހިގެން ނިންމާލި ފަސްވަނަ މެޗެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ޖަހާފައިވަނީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. ފެރާން ޓޮރޭސްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސޫސްއެވެ. އޭގެ ފަހުން މި މެޗުގައި ސިޓީއަށް ޝެފީލްޑުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް އުފެއްދުނު ނަމަވެސް، މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ އެ ޓީމުންނެވެ.

މި ނަތީޖާތަކާއެކު ސިޓީން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގީ ކުޅުނު 20 މެޗުން ލިބުނު 44 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުނައިޓެޑަށް 21 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓާއަށް 20 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. އަދި ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑާ އެއްވަރުކުރި އާސެނަލް އޮތީ ތާވަލުގެ އަށްވަނައިގައި 21 މެޗުން 31 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް