ކުލަބު މޯލްޑިވްސް ކަޕް ކާމިޔާބުކުރުމަށް ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ކޯޕަރޭޝަން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް އެލައިޑް އިންޝުއަރެންސް ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު އެލައިޑް އަތުން ފެނަކަ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި ލަނޑު ޖެހީ އީގަލްސްގެ އިބުރާހީމް މުބީން (މުއްކި) އެވެ.
އެލައިޑްގެ އިތުރުން އެމްއޭސީއެލް އާ ހައުސިން މިނިސްޓްރީގެ އިތުރުން އެމްއާރްޑީސީވެސް ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
އެމްއޭސީއެލް ޖާގަ ހޯދީ 2-0 ގެ ނަތީޖާއަކުން އެޗްޑީސީ ބަލިކޮށްގެންނެވެ. ހައުސިން މިނިސްޓްރީ ކުއާޓަރއަށް ދަތުރުކުރީ އެމްޓީސީސީ ކޮޅަށް ތިން ލަނޑު ޖަހައިގެންނެވެ.
ފުރަތަމަ ޑިވިޝަނަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބި އެމްއާރްޑީސީން ކުއާޓަރ ފައިނަލަށް ދަތުރުކުރީ 1-3 އިން މޯލްޑިވިއަން ބަލިކުރުމަށްފަހުއެވެ.
މީގެ އިތުރުން ސްޓެލްކޯއާ ބީއެމްއެލްގެ އިތުރުން އެސްޓިއޯ އަދި އެމްޕީއެލްވެސް ވަނީ ކުއާޓަރ ފައިނަލަށް ގޮއްސައެވެ.
ކުއާޓަރ ފައިނަލް މެޗުތަކުގެ ކުޅުން ފެށޭނީ ހޯމަ ދުވަހުގެ ހަވީރުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ ސްޓެލްކޯއާ ބީއެމްއެލްއެވެ. ދެ ވަނަ މެޗުގައި އެސްޓިއޯ ނުކުންނާނީ އެމްޕީއެލާ ދެކޮޅަށެވެ.