ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާއި ގުޅޭ ޚާއްސަ މެސެޖެއް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ދެއްވައިފިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހައިގެން ގައިން ގަޔަށް އަރާ، ނުރައްކާތެރި އެތައް ބައްޔެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ބަލިތައް އެއްކޮށް ނައްތާލެވިފައިވާއިރު އޭގެ ތެރޭގައި ޕޯލިއޯ، ނިއުނެޓަލް ޓެޓްނަސްގެ އިތުރުން މީސަލްސް ވެސް ރާއްޖެއިން ނައްތާލެވުނު ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހޯއްގޮވާ ކެއްސުމާއި، ކަރުފޮޅު ފަދަ ބަލިތައް މިހާރު ފެންނަނީ ވަރަށް މަދުން ކަމަށް ވިދާޅުވެ ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާ މިންވަރު ދަށަށް ހިނގައްޖެނަމަ މި ބަލިތައް އިތުރަށް ރާއްޖެއިން ފެނި، ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު މީސަލްސް އައުޓްބްރޭކުންވެސް ވެކްސިނުގެ މުހިއްމުކަން ހާމަވެގެން ދިޔަކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެ ވެކްސިނެއްވެސް އެ ވެކްސިން ޖެހުމަށް އެންމެ އެކަށީގެންވާ ވަގުތާއި އުމުރުގައި ޖެހުމަކީ މުހިއްމު ކަމެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.