އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން މާލޭގައި ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކާއި ގުޅިގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ރާއްޖެ.އެމްވީ"އަށް ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލޭގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރި މުޒާހަރާތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަދާފައިވާ ގައިޑްލައިންތަކާއި ހިލާފުވެގެން އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން މިހެން ބުނިއިރު، ފުލުހުން ވަނީ މީގެ ކުރިން މާސްކު ނާޅާ އުޅޭނަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް އިދިކޮޅުން މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގިނަ ބަޔަކު މާސްކުނާޅާ އުޅޭކަން ވަނީ ފާހަގަވެފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، އެންގުމާއި ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އަދި ޤާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން، އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި އެންގުމާއި ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.