ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 18:47
އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ
އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ
ގެޓީ އިމޭޖަސް
ބެންފީކާ އާއި އާސެނަލުގެ މެޗު
ބެންފީކާ އާއި އާސެނަލުގެ މެޗު ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަނީ
ދަތުރުފަތުރު ކުރުމުގައި ޕޯޗުގަލަކީ އެންމެ ނުރައްކާ ބޮޑު އެއް ގައުމު
މިހާތަނަށް މި މެޗަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވޭ

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އަންނަ ފެބްރުއަރީ މަހު ބެންފީކާ އާއި އާސެނަލް ބައްދަލުކުރަން އޮތް މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ބެންފީކާ އާއި އާސެނަލް ފުރަތަމަ ލެގުގައި ބައްދަލުކުރަން ޖެހޭއިރު، މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޕޯޗުގަލުގައެވެ. އެކަމަކު އިންގްލެންޑުން މި ވަގުތު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޕޯޗުގަލަކީ އެންމެ ނުރައްކާ ބޮޑު އެއް ގައުމެވެ.

އެހެންކަމުން ޕޯޗުގަލަށް ގޮސްފައި އެނބުރި އިންގްލެންޑަށް އައިސް 10 ދުވަހަށް އެކަހެރިވާންޖެހޭ ގޮތަށް ގަވާއިދުތައް އޮތުމުން، އާސެނަލުން ވަނީ ޕޯޗުގަލަށް ނުގޮސް އެ މެޗު ކުޅެވޭނެ ގޮތެއް އޮތްނަމަ އެ ގޮތަށް ކުރިއަށްދާން އެދިފައެވެ. އެހެންކަމުން ބެންފީކާ އާއި، އިނގިރޭސި ސަރުކާރުގެ އިތުރުން ޔުއެފާއާއެކު އާސެނަލުން އެކަމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވާއިރު، ޔުއެފާއިން ހުށަހަޅާފައިވަނީ ބެންފީކާ އާއި އާސެނަލުން ރުހޭނަމަ އެ މެޗު އެއް ލެގަށް ބަދަލުކުރުމަށްފަހު، ނިއުޓްރަލް ދަނޑެއްގައި އެ މެޗު ކުޅޭ ގޮތަށް ހެދުމަށެވެ. އެކަމަކު ނިއުޓްރަލް ދަނޑެއްގައި ކުޅެން ޖެހުނަސް ބެންފީކާ އާއި އާސެނަލުގެ ވިސްނުމަކީ ދެ ލެގު ކުޅުމަށް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު ޔުއެފާއިން ތާވަލުކޮށްފައިވާ ގޮތުން ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ބެންފީކާ އާއި އާސެނަލް ބައްދަލުކުރާ ފުރަތަމަ ލެގު ޕޯޗުގަލުގައި ކުޅޭނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ލެގު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންގްލެންޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް