ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ އޭ.ޑީ.ކޭ. ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލަތަކެއް ނެގެސްފިއެވެ.
އޭ.ޑީ.ކޭ.އިން ބުނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދިއުމާ، އަދި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ތިބެންޖެހުމާ ގުޅިގެން، 30 ޖެނުއަރީ 2020ން ފެށިގެން އޭ.ޑީ.ކޭ.އިން ހުރިހާ އޯ.ޕީ.ޑީ. ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ޚިދުމަތްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، އިލެކްޓިވް ސަރޖަރީތައް މިވަގުތަށް މެދުކަނޑާލުމާއި، ބަލިމީހުން އެޑްމިޓްކުރުން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަކުރުން ހުއްޓާލާފައިވާ ކަމަށް ވެސް އޭ.ޑީ.ކޭ.އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އޭ.ޑީ.ކޭ. ހޮސްޕިޓަލުން ބުނީ، އެ ބަދަލުތަކާއެކު ވެސް، ހޮސްޕިޓަލުގެ އިމަރޖެންސީގެ ޚިދުމަތްތަކާއި އިމަރޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިއަށްދާނެ ކަމަށެވެ.
އޭ.ޑީ.ކޭ. ހޮސްޕިޓަލުން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެގޮތުން، ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާއި، ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި، ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންނެވުމަށް އެދޭ ކަމަށެވެ.
މީގެ ފަސް ދުވަސްކުރިން އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)އިން ފަރުވާ ހޯދި 3 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މި މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލުމަށް ފަހުގައިކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވެއެވެ.