އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅޮ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ކްރިމިނަލް ކޯޓު ސަރަޙައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައެވެ.
އަބްދުރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ 09:00އަށެވެ.
ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.
އިދިކޮޅު ކޯލިޝަނުން ކޯޓުތައް ހިމެނޭ ސަރަޙައްދުގައި މުޒާހަރާ ކުރަން ފަށާފައިވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދައުވާއުފުލުމާ ގުޅިގެންނެވެ. ދައުވާ އުފުލާފައިވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރި ގއ. ވޮޑަމުލާ ކިޔާ ފަޅުރަށެއްގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައެވެ. އެމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކުމަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެދުވަހު ވެސް ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒަހާރަކޮށްފައި ވެސް ވެއެވެ.
އަބްދުއްރަހީމްއަށް ދައުވާ އުފުލާފައިވާއިރު، މިފަހުން ބާއްވާ މުޒާހަރާތަކާއި، ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭއަދަބީ ބަސް ބޭނުންކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން 26 ސެޕްޓެންބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ އަބްދުއްރަހީމް ވަނީ ލައިވް ޓީވީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް ނިސްބަތްކޮށް އަވަގުރާނަ ވެސް ގޮވާފައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރަމުންދާ އަބްދުއްރަހީމް ހައްޔަރުކޮށްފައި ވެސް ވެއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.