ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 05:02
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
ކައުންސިލް އިންތިޚާބު
ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން 8 ފެބްރުއަރީގެ ކުރިން ރަށްވެހިކަން ބަދަލުކުރުމަށް އެދިއްޖެ
ރަޖިސްޓަރީ ފައިނަލްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
8 ފެބްރުއަރީއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ
އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ނިންމާފައި

ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން 2021 ފެބްރުއަރީ 08 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ބުނީ 2021 އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލްކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ.

އަދި 8 ފެބްރުއަރީއަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިޞްލާޙުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ޚާއްޞަ ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ.

އެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހަށެވެ. ނަމަވެސް މި ގާނޫނަށް އިޞްލާޙެއް ހުށަހަޅައި އަލުން ފާސްކުރި އިޞްލާޙުގައި ވަނީ މެއި މަހުގެ 10ގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި އިންތިޚާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް އިޞްލާޙުގައިވެއެވެ.

އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ އިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގައެވެ.

- ކޮމެންޓް