ފުވައްމުލައް ސިޓީގައި ކޮވިޑް-19ށް ފޮޒިޓިވްވި ހައިރިސްކް ދެ މީހަކު އެ ސިޓީގެ ހޮސްޕިޓަލްގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ހުކުރު ދުވަހުގެ ރޭ 11:30 އެހާކަންހާއިރު އުމުރުން 70 އަހަރުގެ ފިރިހެނަކާއި އުމުރުން 61 އަހަރުގެ އަންހެނަކު އެ ސިޓީގެ ހޮސްޕިޓަލުގައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައިވާކަމަށެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވީ މި ދެމީހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބޭސްފަރުވާއަށް މާލެއަށް މާލެއައިސް، އަނބުރާ ފުވައްމުލަކަށް ދިއުމަށްފަހު 10 ދުވަހުގެ ކަރަންޓީނަށްފަހު ސާމްޕަލް ޓެސްޓު ކުރުމުން ކަމަށެވެ.
އަދި މިވަގުތު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފެސިލިޓީއަށް އެ ދެ މީހުން ބަދަލު ކޮށްފައިވަނީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ދެ މީހުންނަށް ވާތީ ވީހާވެސް އަވަހަކަށް އެ މީހުންނަށް ދޭން ޖެހޭ އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ކަމަށެވެ.
މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މި ދެމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ދަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހަރަކާތްތެރިވާ 'ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު ގުޅިގެން ކަމަށެވެ.