ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމާ އެ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެއްޖެއެވެ.
ޓީސީގެ ކޯޗުގެ މަގާމާ ނިޒާމްބެ ހަވާލުވީ އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ބުދަ ދުވަހު މުޙައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާދިނުމާ ގުޅިގެންނެވެ. ޓީސީގެ ކޯޗުގެ މަގާމުން ޝާޒްލީ އިސްތިއުފާދިންއިރު، އޭނާ ޓީސީގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި ސީޒަނުގައި ޒުވާން ސްކޮޑަކާއެކު ލީގާ ކުރިމަތިލި ޓީސީން ވަނީ ޝާޒްލީގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ.
އެކަމަކު ކުއްލި ގޮތަކަށް ޝާޒްލީ އިސްތިއުފާދިނިމުން، ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހު ނިޒާމްބެ ޓީސީއާ ހަވާލުވެފައިވާ ކަމަށް އެ ކުލަބުން ވަނީ މައުލޫމާތުދީފައެވެ.
ނިޒާމްބެ އަލުން އަނބުރާ ޓީސީއާ ގުޅުނުއިރު، މީގެ ކުރިން ދެވަނަ ޑިވިޝަނުގައި އޮތް ޓީސީ، 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީވެސް ނިޒާމްބެއެވެ. އެއަށްފަހު ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ނިޒާމްބެ އާއެކު ޓީސީން ހޯދިއިރު، 2018 ވަނަ އަހަރު އެ ޓީމުން ވަނީ މުޅިން އަލަށް ނިޒާމްބެ އާއެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.
އަދި މީގެ ކުރިން ދެ ފަހަރަކު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ނިޒާމްބެ އާއެކު ޓީސީން ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރަކު އެފްއޭ ކަޕުގެ ދެވަނަ ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕުގެ ދެވަނަ އެއް ފަހަރު ވަނީ ހޯދާފައެވެ.
ނިޒާމްބެ ޓީސީއާ ހަވާލުވިއިރު، އޭނާ އެންމެ ފަހުން އިރުޝާދުދީފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނިޒާމްބެ ވަނީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ.
އެއަށްފަހު އަލުން އަނބުރާ ނިޒާމްބެ ޓީސީއާ ގުޅުނުއިރު، އެ ޓީމު އޮތީ ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ނިޒާމްބެ އާއެކު ޓީސީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ނުކުންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށެވެ.