މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޕާކުތައް ހުޅުވާ ގަޑިތައް ބަދަލުކޮށް، ޕާޓީތަކާއި ހަފްލާތަކަށް ތަންތަން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ 30 ޖެނުއަރީން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ފަތިހު 5 އިން ހެެނދުނު 8ށް ކަމަށެވެ. އަދި ހަވީރު 5 އިން ރޭގަނޑު 8ށް ކަމަށް ވެސް ބުންޏެވެ.
ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ ލުއިތައް ދިނުމުން ޕާކުތައް ހުޅުވިއިރު މި ދެ ޕާކު ވެސް ހުޅުވަން ހަމަޖައްސާފައި ވަނީ ފަތިހު 4:30 ފެށިގެން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.
ސިޓީ ކައުންސިލް އިން ބުނީ މާލޭ ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ނުބާއްވަން އެޗްޕީއޭއިން އަންގާފައިވާތީ އެ އިދާރާއިން އިތުރު ގޮތަކަށް ހަމަޖައްސަވަންދެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކްގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ހުއްދަ ދޫނުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބުކިން ހަދާފައިވާ މީހުންގެ ބުކިންވެސް ކެންސަލްކޮށްފައިވާކަމަށާއި އެކަން ވެސް އަންގަމުންދާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ޕާކުތައް ހުޅުވާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެއްފަހަރާ ވަދެވޭ ވަކި އަދަދެއް ކަނޑައަޅާ އެކަންކަން ބެލެހެއްޓުމާއި، ވަންނަ މީހުންގެ ހުން ހުރިތޯ ބަލައި އަތް ސާފުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި އެންމެންވެސް މާސްކު އަޅައިގެން ގައިދުރުކޮށް ތިބޭކަން ޔަގީންކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.