ކުރޫޒް ފަދަ އުޅަނދުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ގަވާއިދާއި ޚިލާފަށް ވަންނަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަން ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބުނެފިއެވެ.
އީ.ޕީ.އޭ.އިން ބުނީ ރާއްޖޭން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުން، ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ގަވާއިދާއި ޚިލާފަށް ވަންނަމުންދާތީ އެސަރަޙައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އީ.ޕީ.އޭ.އިން ބުނީ އެސަރަޙައްދުތައް ޙިމާޔަތްކުރެވިފައިވަނީ އެސަރަޙައްދުތަކުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެސަރަޙައްދުތަކަށް ވަދެ ނިކުމެ އުޅުމާއި ބޭނުންކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެސަރަޙައްދުތަކަށް ވަނުމުގެ ކުރިން އެ އެޖެންސީން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމާއި މި މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރުމަށް ލޯކަލް އޭޖެންޓުންނާއި ޓުއަރ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އީ.ޕީ.އޭ.އިން ވަނީ އިލްތިމާސްކޮށްފައެވެ.