ރައީސް ޔާމީން ސަރުކާރުގައި ސައުދީ ހިލޭ އެހީގެ ދަށުން އަޅަން ފެށި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނުނިމި ގިނަ ދުވަސްވާތީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މުޢިއްޒު ކުރެއްވި ޓުވީޓުގައި އޭނަ ވަނީ އަދިވެސް މިސްކިތުގެ މަސައްކަތް ނުނިމެނީތޯ ސުވާލު އުފައްދަވާފައެވެ. ކުރިން ނިންމާފައި އޮތް ގޮތުން 2019 ވަނަ އަހަރު މިސްކިތުގެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވެ މިސްކިތް ހުޅުވުން ލަސްވާ ސަބަބެއް އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.
އަދި ވިދާޅުވީ މިސްކިތުގެ ޕްލޭންއާ ޚިލާފަށް ޤުރުއާނާ ބެހޭ މަރުކަޒު އެތަނަށް ބަދަލުކުރުން ފަދަ ބޮޑެތި ބަދަލުތައް ގެންނަ ކަމުގެ މަޢުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ތުރުކީ ކުންފުންޏަކާ ޙަވާލުކޮށްގެން 2017 ވަނަ އަހަރު މަސައްކަތް ފެށި ސަލްމާން މިސްކިތް ނިންމަން ހަވާލުކުރީ 2018 ވަނަ އަހަރަށެވެ. ނަމަވެސް އެ އަހަރަށް ނިމިފައި ނުވާތީ ފަހުން މުއްދަތު އިތުރުކުރީ 2019ގެ ޖުލައި މަހާ ހަމައަށެވެ.
މި ސަރުކާރުން ވެރިކަމާ ޙަވާލުވި ފަހުން މިސްކިތުގެ ބޮޑު ބައެއް ނިންމައި މީޑިއާތަކަށް ވެސް ދައްކާފައިވެއެވެ. އެގޮތުން ސަލްމާން މިސްކިތުގައި ހަ ފިންގިފިލާ ހުންނައިރު ނަމާދުކުރަން ޚާއްޞަކޮށްފައި ވަނީ ދެ ފަންގިފިލާއެވެ. އެ ދެ ފަންގިފިލާގައި ޖުމުލަ 4،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ ހުރެއެވެ.
މީގެ އިތުރަށް ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތަކުގެ އިތުރަށް އޮޑިޓޯރިއަމްއަކާއި ޕާކިން ޒޯނެއް ވެސް މިސްކިތުގައި ހުރެއެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ނޫސްވެރިންނަށް މިސްކިތް ދައްކާލި އިރު އޭރު ބުނީ މިސްކިތުގެ މަސައްކަތް އެ މަސް ތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ނިންމައި މިސްކިތް ހުޅުވާނެ ދުވަހެއް އަދިވެސް މިނިސްޓްރީން އަންގާފައެއް ނުވެއެވެ. އަދި މިސްކިތް ހުޅުވުން ލަސްވާ ސަބަބެއް ވެސް ސާފުކޮށްދީފައެއް ނުވެއެވެ.