ބ.ތުޅާދޫ، ތ.ވިލުފުށި، ށ. ބިލަތްފަހި އަދި ހދ. މަކުނުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީ.އޯ.އައި ހުށަހެޅުމުގެ އިޚްތިޔާރު ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބޭ ކަމަށް ފިނޭންސްއިން ބުނެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mvއިން 31 ޖަނަވަރީ 2021 ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށެވެ. އަދި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ގަވާއިދުތަކާއި ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާނެކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ޝަރުޠު ހަމަވާ ފަރާތްތަކުން 2021 ފެބުރުވަރީ 15ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.